ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ މާނަ ފަހުމް ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، ވެރިކަމާއި ހަވާލުވެ ހުރި ޕާޓީ އެމްޑީޕީން، ދިވެހިން ސިފަކުރަނީ ފަގީރު ލާއިގު ނޫން ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދައިން ދިވެހިން ސިފަކުރަނީ އެމްޑީޕީ އިސްވެރިން ވިކިފައި ތިބި ވަރު ބޮޑުކަމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އުމްރާނީ ތަރައްގީ ހޯދީ އަވަށްޓެރިންނަށް ނުބަލައި ކަމަށެވެ. އަދި ކުޑަކަކޫ ޖަހައިގެން ފައިގަ ދޫލަން އޮތުމަކީ ހުރިހާ ގޮތަކުން ވެސް ހުތުރު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ތިގޮތަށް އުޅުނަސް ނިމޭނެ. ލިޔެވިގެން ދާނީ ފިނޑިއެއްގެ ގޮތަށް. ކުޑަކަކޫ ޖަހައިގެން ފައިގައި ދޫލަން އޮތުން ހުރިހާ ގޮތަކުން ވެސް ހުތުރު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ، "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވުމަށް ގާނޫނެއް އެކުވާލަން ޖެހޭ ކަމަށް ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއަށް ވަޑައިގެން ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ކަމަށް ގިނަ ބައެއްގެ ފާޑުކިިޔުންތައް އަމާޒުވެފައިވާއިރު، މިނިސްޓަރު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފާނެ ކަމަށެވެ.