މާލޭ ކެފޭއެއްގެ ތެރޭގައި އިންދައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގައި އަންނަ މަހު ހުކުމް ކުރުމަށް ނިންމައިފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަދީމް މަރާލާފައިވަނީ އޭނާ މާލޭ ޓާމިނަލް ކެފޭ ތެރޭގައި އިންދަ އެވެ. ނަދީމް މަރާލި މައްސަލައިގައި ހުކުމް ކުރުމަށް ކޯޓުން ނިންމާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގަ އެވެ.

މި މައްސަލައިގެ އަޑުއެހުއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، މިއަދުގެ ޝަރީއަތުގައި މައްސަލައިގެ ހުލާސާ ބަޔާނެއް ވަނީ ހުށަހަޅާފަ އެވެ.

ޝަރީއަތުގައި މައްސަލަ ބެއްލެވި ޣާޒީ މިއަދު ވިދާޅުވީ މައްސަލަ ނިމުނު ނަމަވެސް މިކަމާއި ގުޅިގެން އިތުރު ކަމެއް ފަހުން ހާމަވެއްޖެ ހިނދެއްގައި އެކަން އަލުން ބަލައި ހުކުމް ކުރުމަށް އިތުރު އަޑުއެހުމެއް ބާއްވާނެކަމަށެވެ. އަދި އަންނަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ޣާޒީ ވަނީ ތުހުމަތު ކުރެވޭ މީހުންގެ ބަންދުވެސް ދަމަހައްޓާފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމް، ގއ. ގެމަނަފުށީ، ހަވާސް މުހައްމަދު ކަރަމް ސުހައިލް، ލ. ގަން، ވިދާތަރި އަލީ ނިފާޒްގެ އިތުރުން ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިންގެ މައްޗަށެވެ.

ނަމަވެސް މި މައްސަލައިގައި ނަދީމް މަރާލި ކަމުގެ ތުހުމަތުކޮށްފައިވަނީ މަފާޒަށެވެ. އަދި ބާކީ ތިބި މީހުންނަށް ދައުލަތުން ވަނީ، އެކަމުގައި ބަރިވެރިވި ކަމުގެ ތުހުމަތުކޮށްފަ އެވެ.