ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ކާމިޔާބު ފިލްމުތަކެއް ކުޅުނު ފަންނާނުންގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ސަމްލާން ޚާން ހިމެނޭނެ އެވެ.

ނަމަވެސް މިހާތަނަށް އެ ދެފަންނާނުން އެކީގައި ފިލްމެއް ކުޅެފައެއް ނުވާއިރު، ދެ ފަންނާނުންގެ ފޭނުން ވެސް ވަނީ އެކަމުގެ ސަބަބު ބަޔާންކޮށްދިނުމަށް އެދިފަ އެވެ.

އިންޑިއާގެ ނޫސްތަކަށް މި ސުވާލުގެ ޖަވާބުދެމުން ދީޕިކާ ބުނީ، ސަލްމާނާއެކު ފިލްމު ކުޅެން އެންމެ ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް އިންކާރުކުރަން ޖެހުނީ، އެވަގުތު އޭނާ އެފަދަ ބޮޑު ފަންނާނަކާ އެކުގައި ފިލްމު ކުޅެން ތައްޔާރު ނޫންކަން އަމިއްލަ ނަފްސަށް އިހުސާސް ވުމުން ކަމަށެވެ. އަދި އެވަގުތު ފިލްމީ ދާއިރާއަށް ނުނިކުންނަ ކަމަށާއި، އޭރު އުޅުނީ މޮޑެލް ކުރަން ކަމަށް ދީޕިކާ ބުނެފައިވެ އެވެ.

ގިނަ ބަޔަކު ވަނީ ސަލްމާނަށް ވެސް މި ސުވާލު ކޮށްފަ އެވެ. އަދި އެ ސުވާލަށް ޖަވާބުދެމުން ސަލްމާނު ބުނެފައި ވަނީ، ދީޕިކާ އަކީ މިހާރު ބޮލީވުޑްގައި ވަރަށް މަޝްހޫރު ފަންނާނަކަށް ވެފައި، ދީޕިކާއާއެކު ފިލްމު ކުޅެން ނަގަނީ، އޭނާއާ ގުޅޭ މީހުން ކަމަށެވެ. ނަމަވެސް އެ ކެޓެގަރީގައި ސަލްމާނު ހިމެނޭ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށް ވެސް ސަލްމާނު ވަނީ ބުނެފަ އެވެ.

ދީޕިކާ އެންމެ ފަހުން ފެނިފައިވަނީ، "ގެހެރާއިއާ" އިންނެވެ. އަދި ސަލްމާނު ދަނީ ޓައިގާ-3 ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.