ވިރާޓް ކޯލީއަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓް ކުޅުންތެރި އެކެވެ. އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓްއަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރި މީހެކެވެ.

އެގޮތުން އޭނާ އެންމެ ފަހުން ޓްވިޓާކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ގިނަ މީމްސް ތަކެއް ވެސް ދަނީ ދައުރު ވަމުންނެވެ.

ވިރާޓް ހިއްސާކުރި ފޮޓޯގައި ފެންނަނީ އޭނާއާ ސިފަ އެއްވައްތަރު ދިހަ ވަރަކަށް މީހުން މޭޒެއްގެ ދޮށުގައި އިށީގެން ތިބި ތަނެވެ. އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައި އެންމެން ވެސް ތިބި އިރު އެތަނުން އަސްލު ވިރާޓްއަކީ ކާކުކަން ބުނެދޭން އުނދަގުލެވެ.

މި ފޮޓޯއާއެކު ވިރާޓް ބުނެފައިވަނީ އެމީހުންގެ ތެރެއިން ތަފާތު މީހެއް ހޯދުމަށެވެ. އޭނާ މާނަކޮށްފައި އެވަނީ އެ އެންމެންގެ ތެރެއިން ވިރާޓްއަކީ ކާކުކަން ފާހަގަ ކުރުމަށެވެ.

މި ފޮޓޯ ލުމާއެކު ޓްވިޓާގައި އަސްލު ވިރާޓްއަކީ ކާކުތޯ ފާހަގަ ކުރުމުގެ ބަހުސެއް ފެށިގެން ދިޔަ އެވެ. ނަމަވެސް ވިރާޓްގެ ހަގީގީ ސަޕޯޓަރުން އޭނާއަކީ ކޮބާކަން ވަކިކުރީ ވަރަށް ފަސޭހަ ކަމާއެކުގަ އެވެ.

ޓްވިޓާގައި މި ފޮޓޯއަށް 20،000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ މިއީ ވިރާޓް އެންމެ ފަހުން އެމްބެސެޑަރު ކަމަށް ސޮއިކުރި ވިވޯގެ އިޝްތިހާރެއް ކަމަށް ބުނެފަ އެވެ.

މި ފޮޓޯއަށް ކޮމެންޓް ކުރަމުން ޓީވީ އެކްޓަރު އަދި ޕްރެޒެންޓަރު ކަރަން ވާހީ ބުނީ އެ ހުރިހާ ވިރާޓްއެއް ވެސް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގައި ހިމަނަން ޖެހޭ ކަމަށެވެ.