ދަބަން ޓުއާ ގައި ސަލްމާން ޚާން ހުށަހަޅައިދިން ނެށުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޕޫޖާ ހެގްދޭ އާއި ދިށާ ޕަޓާނީގެ އިތުރުން ސޮނާކްށީ ސިންހާ، ސަލްމާނާއި އެކު ދުބައި ޓުއާގައި ބައިވެރިވެފައިވާއިރު، އިވެންޓުގައި ފަންނާނުން ދައްކައިދިން ނެށުންތަކުގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވާން ފަށާފަ އެވެ.

އެހެންނަމަވެސް އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ސަމްލާނު އޭނާގެ ލަވައެއް ކަމުގައިވާ "ޖުއްމޭކީ ރާތުހޭ" ލަވައިގައި އޭނާގެ ހުށަހަޅައިދިން ނެށުމަށެވެ. ދުބައި ޓުއާ ޝޯގައި ސަލްމާނާއި އެކު އެލަވަ ހުށަހަޅައިދީފައިވަނީ ޕޫޖާ އެވެ. އެގޮތުން ސަލްމާނު ވަނީ އެލަވައިގެ އޮރިޖިނަލް ސްޓެޕަށް ނަށަން މަސައްކަތް ކޮށްފަ އެވެ.

ޖުއްމޭކީ ރާތުހޭގެ އަސްލު ލަވައިގައި ސަލްމާނު ފެނިގެންދަނީ ޖެކްލިން ފަނޭންޑެޒްގެ ހެދުމުގެ ފަސްބައިގައި ދަތްއަޅައިގެން ނަށާ މަންޒަރެވެ. ލަވައިގައި އެ ސްޓެޕް ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ފިޓުކޮށް ހެދުން ލައިގެން ހުރި ޕޫޖާ އާއެކު ޝޯއެއްގައި އެލަވައިގެ ސްޓެޕް ހެދުން ވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުކިޔުން ސަލްމާނަށް އަމާޒުވި ކަމަކަށެވެ.

އެގޮތުން ޝޯ ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންވެސް ގޮސްފައިވާއިރު، އެފަދައިން ނެށުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ އަށް ނުރުހުން އަމާޒުކޮށްފަ އެވެ.

ސަލްމާނަކީ ބޮލީވުޑްގައި އެންމެ ކުރީސަފުން ފެނިގެންދާ ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީއެއް ހޯދާފައިވާ ފިލްމީ ފަންނާނެކެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ މަސައްކަތާއި ގުޅިގެން ނެށުން ހުށަހަޅައިދިނުމަށް މީގެ ދުވަސްތަކެއް ކުރިން ޓީމާއި އެކު ދުބައިއަށް ގޮސްފައިވާއިރު، ދުބައިގައި ބާއްވާ ދަބަންގް ޓުއާގައި ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނުންގެ އިތުރުން، ޓީވީތަކުގައި މަސައްކަތް ކުރާ ފަންނާނުންވެސް ފެނިގެންގޮސްފައިވެ އެވެ.