ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފުރަތަމަ ސިޓްކޮމް ސީރީޒް "ރޫމީ އާ ޖަންނަތު" ގައި ހިމެނޭ މައި ތަރިންގެ ފުރަތަމަ ލުކް ދައްކާލައިފި އެވެ.
މީޑިއާ ނެޓްގެ މައި ޓީވީ އިން ގެނެސްދިނުމަށް ތައްޔާރުކުރާ މިވެބް ސީރީޒް ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ލީޑް ތަރިންގެގޮތުގައި އަބްދުﷲ ޝާފިއު (ފުބޫ) އާއި މަރިޔަމް މަޖުދާ (މަޖޫ) ފެނިގެންދާ މިވެބް ސީރީޒްގައި މަގުބޫލު އެތަކެއް މޫނުތަކެއް ފެނިގެންދާނެ ކަން މިހާރު މިވަނީ ޔަގީންވެފަ އެވެ. އެގޮތުން އިއްޔެ ދައްކާލި ސީރީޒްގެ ފަސްޓް ލުކްގައި ހިމެނޭ ތަރިންނަކީ ޙަސަން މަނިކް (ރޯނު)، އަޙުމަދު ސައީދު، ޝީލާ ނަޖީބު، މުޙައްމަދު ފައިސަލްގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) އާއި މާރިޔާ ތެރޭސާ އެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ބުނި ގޮތުގައި ހެއްވާ މަޖާ މި ސީރީޒުން މުޖުތަމައުގައި ހިނގާ އަލިއަޅުވާލުން މުހިންމު ކަންކަން ހިމެނުމަށް އިސްކަންދީފައި ވެ އެވެ. އެގޮތުން ސީރީޒްގެ އެންމެ ބޮޑު އެއް މެސެޖަކީ ޖިންސަށް ބެލުމެއްނެތި ކޮންމެ މީހަކަށް ވެސް ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމެވެ.
އެ ސިރީޒްގައި ރޫމީގެ ކެރެކްޓާ ކުޅޭ ފުބޫ ޝެފެއްގެ ގޮތުގައި ދައްކާއިރު ޖަންނަތުގެ ރޯލު ކުޅޭ މަޖޫ ފެނިގެންދާނީ އެމްއެންޑީއެފްގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރެއްގެ ގޮތުގަ އެވެ. ޖަންނަތުގެ ރޯލު ވީހާ ވެސް އަސްލާ އެއްގޮތަށް ގެނެސްދިނުމުގައި އެމްއެންޑީއެފް އިން ދިން އެއްބާރުލުން ފާހަގަކުރަމުން ޑާކް ރެއިން އިން ވަނީ ޝުކުރު ދަންނަވާފަ އެވެ.
އައިޝަތު ފުއާދު ތައުފީގު އާއި މުޙައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ މިސިޓްކޮމް ސީރީޒްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތަލާލެވެ. އަދި ޑައިރެކްޝަންގެ މަސައްކަތް ފުރިހަމަ ކުރަމުންދަނީ ޢަލީ ޝިފާއު (ޗިއްޕެ) އާއި މުހައްމަދު ފައިސަލެވެ.