"ނެޓް ޒީރޯ" ޓާގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މި ޓާގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިއާދަކުރަނިވި ހަކަތައިގެ ހިދުމަތްދިނުމުގެ ގާބިލްކަމާއި، ހުނަރާއި، އަދި ފަންނީގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލުކަން ވެސް ސްޓެލްކޯގައި އެބަހުރިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ ތަރައްގީވަމުން އަންނައިރު ދެން ސްޓެލްކޯ ވަނީ އިޔާދަކުރަނަވި ހަކަތައިގެ ހިދުމަތްދޭ ކުންފުންޏަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްގެ ތެރޭގައި ބަދަލުވަމުން އަންނަކަން ފާހަގަކުރައްވާ، މި ބަދަލާއެކު ތެލުގެ އަގުވެސް އުފުލެމުން އަންނަކަން ޝައުނާ ފާހަގަކުރެއްވި އެވެ.

"ތެލަށް އަހަރެމެން ކުރާ ޚަރަދު އިތުރުވާނަމަ އެއީ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފައިސާ. އެ ފައިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ، ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުންދާ ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ "ނެޓް ޒީރޯ" ޓާރގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމްކުރުން ކަމަށް ޝައުނާ ވިދާޅުވި އެވެ. ފެނަކައާއި އެކީގައި "ހޯމް ސޯލާ" ޕްރޮގްރާމެއް ތައާރަފުކޮށްފައިވާއިރު، ހަމައެގޮތަށް ސްޓެލްކޯއާއި އެކީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ "ޕަވަ ހައުސް މެނޭޖާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އަކީ އެކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އިންޖީނުގެތަކުގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި ސްޓެލްކޯއިން ޚިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުން ބައިވެރިވެފައިވާކަމަށާއި، މިޕްރޮގްރާމް 4 ދުވަހަށް ކުރިއަށްދާނެ ކަމަށް އެކުންފުނިން ވިދާޅުވެ އެވެ.