ވޮޝިންޓަން (28 ފެބްރުއަރީ) - ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފަސްވަނަ ދުވަހަކަށް އަލިވިލުނުއިރު ވަރުގަދަ ރަޝިއާއާ ދެކޮޅަށް ކުރިމަތިލަމުން ދަނީ ޔޫކްރެއިންގެ ނިސްބަތުން ކުޑަ އަސްކަރިއްޔާއިން އެކަންޏެވެ.

އެމެރިކާއިން ސީދާ ގޮތެއްގައި ރަޝިއާއާ ކުރިމަތި ނުލާނެކަމަށް ރައީސް ޖޯ ބައިޑަން ޔަގީން ކޮށްދެއްވާފައިވާއިރު، އެކަމުގައި އެމެރިކާގެ ސަބަބުތައް ގިނަ އެވެ.

ހުޅަނގުގެ ދަޅައިގައި ޔޫކްރެއިންއިން ރަޝިއާއާ މޫނުޖެހުނުއިރު ރަޝިއާއާ ކުރިމަތިލާން ޖެހުނީ ޔޫކްރެއިން އެކަންޏަށެވެ. އެމެރިކާ އާއި ހުޅަނގުން އެ ގައުމަށް އެހީވުމަށް ދެއްކީ ހުއްޖަތްތަކެވެ.

ޔޫކްރެއިންއަކީ ނޭޓޯގެ މެމްބަރެއް ނޫން

މިހާރު ކުރިއަށްދާ ހަނގުރާމައިގައި އަމަލީ ގޮތުން ހުޅަނގާއި އެމެރިކާ ބައިވެރިނުވުމަށް ދައްކާ އެންމެ ބޮޑު ހުއްޖަތަކީ ނޭޓޯގެ މެމްބަރަކަށް އެ ގައުމު ނުވުމެވެ. މި ހާލަތަށް ކަންތައް ދާން މެދުވެރިވީ ހުޅަނގުގެ އަވައިގައި ޖެހި ޔޫކްރެއިންއިން ނޭޓޯގެ މެމްބަރުކަން ހޯދަން މަސައްކަތްކުރުމުގެ ސަބަބުން ނަމަވެސް ރަސްމީ ގޮތުން އެކަން ނިމިފައި ނުވާތީ ނޭޓޯގެ މެމްބަރު ގައުމުތަކުން ޔޫކްރެއިންއަށް އެހީވުމަށް އުޒުރުވެރިވެ އެވެ.

ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު

ދެގައުމު ދެމެދުގައި އޮތް ހަމަނުޖެހުމަކަށް އިތުރު ގައުމުތަކަކުން އަތް ބާނައިފި ނަމަ ދުނިޔޭގެ ބޮޑު އެއް ބައްރުގެ މެދުގައި ކޯޅުން ފެށުނީ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާއިން ރަޝިއާއާ ކުރިމަތިލައިފިނަމަ ދުނިޔޭގެ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށެވެ. އެމެރިކާއާއި ރަޝިއާގެ ނިއުކްލިއާ ވަސީލަތްތަކަށް ބަލައި ދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ މުޅި ދުނިޔެއަށް އެކަމުން ކުރާ އަސަރު ބޮޑުވާނެ އެވެ.

"އެމެރިކާއާއި ރަޝިއާ އެކަކު އެނެކަކާ ކުރިމަތިލާން ވެއްޖެ ނަމަ އެއީ ދުނިޔޭގެ ހަނގުރާމައެއް،" ބައިޑަން ވިދާޅުވި އެވެ.

އެމެރިކާއިން އިރުމަތީ ޔޫރަޕަށް ފޮނުވި ލަޝްކަރު

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއެކު އެމެރިކާއިން ވަނީ އެގައުމުގެ ބޮޑު ލަޝްކަރެއް ތަމްރީނުކޮށް އިރުމަތީ ޔޫރަޕަށް ފޮނުވާފަ އެވެ. މިއާއެކު ގިނަ ބަޔަކު ހީކުރީ ބޭނުން ޖެހިއްޖެ ހާލަތެއްގައި އެމެރިކާއިން ޔޫކްރެއިންއަށް އެހީވާނެ ކަމަށެވެ.

ނަމަވެސް އެ ސިފައިންނަކީ ސީދާ ނުރައްކަލެއް ނެތް އިރުމަތީ ޔޫރަޕްގެ އެހެން ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއިން ފޮނުވި ސިފައިންތަކެއް ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

އެމެރިކާއާއި ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތައް

އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރި ވުމުގެ ބަދަލުގައި އެމެރިކާއާއިން ގަސްދުކުރީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާށެވެ. މީގެ ތެރެއިން ބައެއް ފިޔަވަޅުތައް މިހާރުވެސް އަޅާފައިވާއިރު މިއީ ރަޝިއާގެ އިގުތިސާދު ފުނޑުފުނޑުކޮށް ޔޫކްރެއިންއަށް އެހީވުން ކަމުގައި އެމެރިކާއިން ގަބޫލު ކުރެ އެވެ.

ޔޫކްރެއިން ސިފައިންގެ ފައުޖެއް ވެރިރަށް ކީވްގެ މެދުތެރޭގައި ފޯރިމަރަނީ. ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ފިޔަވަޅުމަތިން ފިޔަވަޅު އަޅައި ހުޅަނގާއި ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުން ވެސް ވަނީ ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ ތެރޭގައި އިގްތިސާދީ ފިޔަވަޅުތަކާއި ވިސާ އަދި ދަތުރުފަތުރު ހިފެހެއްޓުން ވެސް ހިމެނެ އެވެ.

މި ފިޔަވަޅުތަކުގެ އަސަރު ރަޝިއާގެ އިގްތިސާދަށް އަދި ކޮށްފައި ނުވާއިރު އަވަސް ކުރިމަގެއްގައި ތަފާތު ފެންނާނެ ކަަމަށް މާހިރުން ދަނީ ބުނަމުންނެވެ.

އެމެރިކާއިން މަޝްރަހުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތް!

ޔޫކްރެއިންއަކީ ނޭޓޯގެ މެމްބަރު ގައުމުތައް ކަމަށްވާ ޕޮލެންޑް، ސްލޮވާކިއާ، ހަންގޭރީ އަދި ރޯމޭނިއާއާއެކު ބޯޑަރު ހިއްސާކުރާ ގައުމެކެވެ. އެހެންކަމުން ރަޝިއާއިން މިއިން ގައުމަކަށް ނުރައްކާ ކޮށްފި ނަމަ އެމެރިކާ، ފްރާންސް އަދި ޖަރުމަނުގެ އިތުރުން ނޭޓޯގެ އިތުރު 30 މެމްބަރު ގައުމުތަކުން ރަޝިއާއާ ކުރިމަތިލާނެ އެވެ.

މިހާލަތުގައި ޔޫކްރެއިންގެ އަވަށްޓެރި ގައުމުތަކުން ދަނީ އެގައުމަށް އެކި ގޮތްގޮތުން އެހީ ވަމުންނެވެ. ރެފިއުޖީން ވެއްދުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެގައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަބަބަށްޓަކައި ވެސް ރަޝިއާގެ އަމާޒަކަށް މިއިން ގައުމެއް ވުން ދުރު ނޫން ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރެ އެވެ.