ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި 128،800 އަށްވުރެ ގިނަ މީހުން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،178 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 370،987 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 128،890 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 280 މީހަކު ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. އަދި އަތޮޅުތެރެއިން 2،154 މީހަކު ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އެގޮތުން އިއްޔެ އެކަނިވެސް 2،434 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ބޫސްޓާ ޑޯޒް ހަމަކުރާ މީހުން، ކޮވިޑް ޖެހިފައިވާ މީހުންނާއި ޑައިިރެކްޓު ކޮންޓެކްޓް ވިނަމަވެސް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.