މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާއިން ބުނެފި އެވެ.

މިދިޔަމަހު އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އެ މިނިސްޓްރީން ބެލާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 105 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެމިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި 105 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެބާވަތުގެ 21 މައްސަލައެއް އެމިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ބުނެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވި 20 މައްސަލައަކާއި ޖިންސީ ގޯނާގެ 20 މައްސަލަ އަދި ކުޑަކުއްޖަކަށް ފުރައްސާރަކުރި ތިން މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖިސްމާނީ ހާނިއްކައިގެ 14 މައްސަލައެއް ހުށަހަޅާފައިވާއިރު، ކުޑާކުދިންނަށް ކުރާ ނަފްސާނީ ހާނިއްކައިގެ 10 މައްސަލައަކާއި ކުޑަކުދިން ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލައްގެ އިތުރުން ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަ މައްސަލައެއްވެސް ބަލަމުން ގެންދާކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

ޖެންޑާއިން ކޮންމެ މަހަކުވެސް އާންމުކުރާ ތަފާސްހިސާބުތަކުން ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކެވެ.