މުޅި ދުނިޔެ ބަލިމަޑުކަމެއްގަ އެވެ. ގިނަ މީހުންގެ ވަޒީފާ ގެއްލިފަ އެވެ. 2020 ގެ ތަސައްވުރު ދިޔައީ ތޮޅިއަށެވެ. މި ހުރިހާ ކަމަކާއެކު ސްޓްރެސް ނުވެ އެއް ދުވަސް ވެސް ވޭތުކޮށްލެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީ އެކެވެ. މި ސްޓްރެސް ފިލުވުމަށްޓަކައި ބައެއް މީހުން ކަސްރަތުކޮށް، މިއުޒިކް އަޑުއަހާ އަދި ޔޯގާ ކުރުންފަދަ ކަންތައް ކުރާ އިރު ބައެއް މީހުންނަށް ދެވެނީ ކާއެއްޗެއްސާ ދިމާއަށެވެ.

ސްޓްރެސް ފިލުވަން ބައެއް މީހުންނަށް ކެވެނީ ކީއްވެ؟

ގަބޫލުކުރިޔަސް ނުކުރިޔަސް ސްޓްރެސް ވެފައި ހުންނައިރު ކާހިތްވުމަކީ ހަށިގަނޑުގައި ހުންނަ ކެމިކަލެއްގެ ސަބަބުންނެވެ. ހާވާޑްގެ ހެލްތުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ސްޓްރެސްވެފައި ހުންނަ އިރު ހަށިގަނޑުން ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް ބޭރުވެ އެވެ. މި ހޯމޯންގެ ސަބަބުން މީހާ ބަނޑުހައިވެ އަދި ކެއުމަށް މޯޓިވޭޓް ވެސް ކުރުވަ އެވެ.

މިގޮތުން ގޮސް ކައިފި ނަމަ ސްޓްރެސް ލެވެލްއަށް ބަދަލުތަކެއް އާދެ އެވެ. އެގޮތުން ހަކުރާއި ފެޓްސްގެ ބާވަތްތައް ހިމެނޭ ކާއެއްޗެހި ކެއުމުން ހަގީގަތުގައި ވެސް މީހާގެ ސްޓްރެސް ދަށްވެ މޫޑު ރަނގަޅުކޮށްދެ އެވެ.

ސްޓްރެސް އާ ޑީލް ކުރުމުގައި ކެއުމަކީ ސިއްހަތަށް މާބޮޑު ގެއްލުމެއް ހުރި ކަމަކަށް ނުވިޔަސް އެކަން ހައްދުން ނައްޓައިގެން ދިއުމުން ކަމަކުނުދާނެ އެވެ. މިސާލަކަށް ޓެސްޓަކާ ގުޅިގެން ސްޓްރެސް ވެ، ރެޑް ބުލް ދަޅެއް ހިފައިގެން ލެޕްޓޮޕް ކައިރީ އިށީނުން އެއީ މައްސަލައެއް ނޫނެވެ. އެކަމަކު އޭގެ ނަތީޖާއެއްގެ ގޮތުން ބަލިވެ، ގައިގައި ރިއްސާ، ބަނޑުގައި ރިއްސާ ފަދަ ކަންތައް ވަންޏާ އެއީ ކުރުން އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ.

އެހެން ކަމުގައި ސްޓްރެސް ފިލުވުމަށްޓަކާ ކެއުމުގެ ބަދަލުގައި ކޮށްލާނެ ދެތިން ކަމެއް ހިއްސާކޮށްލާނަމެވެ.

  • ހިނގާލަން ދިއުން
  • އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ގުޅާލުން
  • ޔޫޓިއުބުން ވީޑިއޯތަކެއް ބަލާލުން
  • ގޭތެރެ ސާފުކޮށްލުން