މޮސްކޯ (03 މާޗް) - ރަޝިއާއާއެކު މަޝްރަހު އިތުރަށް ހޫނު ނުކުރުމަށް އެގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާޖޭ ރަބްކޮވް ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ސާޖޭ މި އިންޒާރު ދީފައި މިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މިހާރު ކުރިއަށްދާ ޔޫކްރެއިން - ރަޝިއާ ހަނގުރާމަ ކުށްވެރިކޮށް ރަޝިއާއާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

ސާޖޭއާ ހަވާލާދީ ރަޝިއާގެ ދައުލަތުގެ މީޑިއާއިން ބުނީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ އެ ހަނގުރާމަ ނިއުކްލިއާ ބާރުތައް ބޭނުން ކުރެވޭ ފަނާ ކުރުވަނިވި ހަނގުރާމައަކަށް ކަމަށެވެ.

މި ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ރަޝިއާއިން ވަނީ އެކި ފަހަރު މަތިން ޔޫރަޕުގެ ގައުމުތަކުގައި އެމެރިކާއިން ނިއުކްލިއާ ހަރަކާތްތައް ހިންގާ ހިންގުން ކުށްވެރިކޮށްފަ އެވެ.

"ޔޫކްރެއިންއަށް ނިއުކްލިއާ ހަތިޔާރު ލިބިއްޖެނަމަ ވަރަށް ގޯސް ހާލަތަކަށް ދާނެ،" ސާޖީ ބުނެފައިވެ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ނިއުކްލިއާ ބާރުތައް އިތުރުކުރަން ރަޝިއާއިން ދެކޮޅު ހަދާއިރު އެގައުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ދެވަނައަށް އެންމެ ނިއުކްލިއާ ހަތިޔާރު މުއްސަނދި ގައުމެވެ.

ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ވެސް ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިން ވަނީ އެގައުމުގެ ނިއުކްލިއާ ބާރުތައް ހައި އެލާޓަށް ގެނެސް ނިއުކްލިއާ އިންޒާރެއް ޔޫކްރެއިންއަށް ދީފަ އެވެ. - އަލް އަރަބިއްޔާ