ދުވާލަކު 3 ލިޓަރު ފެން ބުއިމުން ހަންގަނޑު އޮމާންވެ، އުޖާލާވާނެކަމަށް އިންޓަނެޓުގައި ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބުނެފި އެވެ.
ކަރީނާ ކަޕޫރު ފަދަ މަޝްހޫރު ފަންނާނުން، އެމީހުންގެ ހަންގަނޑު އުޖާލާކޮށް ބެހެއްޓުމުގެ ސިއްރަކީ ގިނައިން ފެން ބުއިން ކަމަށް ބުނުމާ ގުޅިގެން، މި ވާހަކައަކީ އިންޓަނެޓުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. އެހެންނަމަވެސް، ޑރ. ސްވޭތާސް ސްކިން ސުތުރާ ކްލިނިކް ގެ މެޑިކަލް ޑައިރެކްޓަރު ޑރ. ސްވޭތާ ސްރީދަރް ވިދާޅުވާ ގޮތުގައި، ގިނައިން ފެން ބުއިމަކުން އެކަނި ހަންގަނޑަށް ގުދުރަތީ އުޖާލާކަމެއް ނުލިބޭނެ އެވެ.
ގިނައިން ފެން ބުއިމުން ހަންގަނޑު އުޖާލާވޭތަ؟
ޑރ. ސްވޭތާ ބަޔާންކުރެއްވި ގޮތުގައި، ހަށިގަނޑުގެ އާންމު ދުޅަހެޔޮކަމަށާއި ހަންގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ފެން ބުއިން މުހިންމެވެ. ނަމަވެސް، ދުވާލަކު 3 ލިޓަރު ފެން ބުއިމުން ހަންގަނޑު އުޖާލާވާނެ ކަމަށް ބުނުމަކީ ކުށް ހީއެކެވެ. ވަކި މިންވަރަކަށް ފެން ބުއިމަކީ އެންމެންގެ ހަންގަނޑު ސާފުކޮށް، އޮމާންކޮށްދޭނެ ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމެއް ނޫނެވެ.
ފެނުގެ ސަބަބުން ހަންގަނޑަށް ކުރާ އަސަރު
ހަށިގަނޑުގައި ފެން ހުރުމަކީ ހަންގަނޑުގެ މަސައްކަތްތައް ތަރުތީބުން ހިންގުމަށާއި، ހަންގަނޑު ހިކުމުން ސަލާމަތްކޮށްދޭ ކަމެކެވެ. ހަށިގަނޑުން ފެން މަދުވުމުން ހަންގަނޑު މިލައި، ކުރަކިވެ، ރޮނގުތައް ފާޅުވާން މެދުވެރިވެ އެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ކުރިން ފެން ބޯ މިންވަރު މަދު މީހުން ފެން ބޯ މިންވަރު އިތުރުކުރުމުން ހަންގަނޑުގެ ތެތްކަން ކޮންމެވެސް މިންވަރަކަށް ރަނގަޅުވެ އެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ފެން ބޯ މީހުން އިތުރަށް ފެން ބުއިމުން، ހަންގަނޑު ރަނގަޅުވެ، ރޫތައް ފިލައި ނުވަތަ ހަންގަނޑު އުޖާލާވާކަމުގެ އެކަށީގެންވާ ހެކިތަކެއް ނެތެވެ.
ބޯންޖެހެނީ ކިހާ ފެނެއް؟
މީހަކު ބޯންޖެހޭ ފެނުގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރު، އިސްކޮޅާއި ބަރުދަން، ކުރާ މަސައްކަތް، އުޅޭ މާހައުލުގެ މޫސުން، ކާނާ އަދި ސިއްހީ ހާލަތުގެ މައްޗަށެވެ. ހޫނުގަދަ ގައުމުތަކުގައި އުޅޭ މީހުންނާއި ގިނައިން ކަސްރަތުކުރާ މީހުން، ދަލުގެ ގޮތުގައި ހަށިގަނޑުން ފެން ބޭރުވާތީ ގިނައިން ފެން ބޯންޖެހެ އެވެ. މީގެ އިތުރުން މޭވާ އާއި ތަރުކާރީ ފަދަ ތަކެތިންވެސް ހަށިގަނޑަށް ފެން ލިބެ އެވެ. އެހެންކަމުން، 3 ލިޓަރަކީ އެންމެން އަމަލުކުރަންޖެހޭ މަޖުބޫރު މިންގަނޑެއް ނޫނެވެ.
ހަންގަނޑުގެ ދުޅަހެޔޮކަމަށް ހަމައެކަނި ފެނަށްވުރެ ބޮޑަށް އެހެން ކަންތައްތަކެއްވެސް ނުފޫޒު ފޯރުވަ އެވެ. މީގެ ތެރޭގައި ޖެނެޓިކްސް، ހޯމޯނަށް އަންނަ ބަދަލުތައް، އަވިން ލިބޭ ގެއްލުން، ނިދި، ނަފްސާނީ ދުޅަހެޔޮކަން، ކާނާ އަދި ހަންގަނޑު ބަލަހައްޓާ ގޮތް ހިމެނެ އެވެ. މިސާލަކަށް، އަވީގެ ސަބަބުން ހަންގަނޑު އަވަހަށް މުސްކުޅިވުމާއި، ތަންތަން ކަޅުވުން ފަދަ ގެއްލުންތައް ލިބެ އެވެ. މިއީ ހަމައެކަނި ފެން ބުއިމަކުން ރަނގަޅުކުރެވޭނެ ކަންކަމެއް ނޫނެވެ.
ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމާއެކު، ޕްރޮޓީން، ވިޓަމިން އަދި ފައިދާހުރި ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުމަށާއި، އެކަށީގެންވާ ނިދި ހޯދުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ. އަދި އަވިން ރައްކާތެރިވުމަށް އެސްޕީއެފް 30 އަށް ވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުމާއި، ހަމާ ގުޅޭ ފޭސްވޮޝް އާއި މޮއިސްޗަރައިޒާ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ހަންގަނޑު މާބޮޑަށް ހިކުން، ކުރަކިވުން ނުވަތަ ބިހި ނެގުން ފަދަ މައްސަލަތައް ދިމާވާނަމަ، ހަމައެކަނި ފެން ބުއިމުގެ ބަދަލުގައި ހަމުގެ ހާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ބުއްދިވެރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިއީ ސިއްހީ ލަފާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ސިއްހީ މައްސަލައަކާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، އަބަދުވެސް ޑޮކްޓަރެއްގެ މަޝްވަރާ ހޯދާށެވެ.
ޖުމައްޔިލްއަށް ކުރި ދައުވާ ލުއިކޮށްފި
އުރުދުގާނާ ބައްދަލުކުރުމަށް ޒެލެންސްކީ ތުރުކީއަށް
އެލްޖީއޭ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކޮށްފި