ޔޫކްރޭނާއި ރަޝިޔާއާ މެދުގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ޔޫކްރޭނުން ރާއްޖެ އައި ދިވެހި ދަރިވަރުންނާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައްދަލުކުރައްވައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު، ދަރިވަރުންނާއި ބައްދަލުކުރައްވާފައިވާއިރު، އެ މިނިސްޓްރީން އެންމެ ބޮޑަށް އަހަންމިއްޔަތުކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން މިނިސްޓްރީން ވަނީ ދަރިވަރުން ރައްކާތެރިކަމާއި އެކު ރާއްޖެ ގެނެސްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރުގެ ވުޒާރާތަކުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

ރަޝިޔާއާ ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޔޫކްރޭނުގައި ކިޔަވަންތިބި 51 ދިވެހި ދަރިވަރުންގެ ތެރެއިން 30 ދަރިވަރަކު ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ އައިސްފަ އެވެ. އަދި ބާކީތިބި 21 ދަރިވަރުންގެ ތެރެއިން 15 ކުއްޖަކު މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސްފައިވާއިރު، ދެން ތިބި ހަކުދިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ޔޫކްރޭނުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެ އައުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ޔޫކްރޭނުން މާދަމާ އަންނަ ހަކުދިންނާއިވެސް މިނިސްޓަރު ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.