މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގު ސެންޓަރުތަކަށް އަމިއްލައަށް ބޮޑުކޮށް، އެ ހިދުމަތް ނުދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން، އެ ހިދުމަތްދޭ ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު ނިންމުމާ ގުޅިގެންނެވެ.

ޓެކްސީ ހިދުމަތްދޭ އަގު ބޮޑުކުރުމަށް ސެންޓަރުތައް ގުޅިގެން ރޭ ބޭއްވި ބައްދަލުވުމުގައި 14 ސެންޓަރަކުން ބައިވެރިވެފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެންޓަރުތަކެެއްގެ އިއްތިފާގުން ވަނީ ތަކެތީގެ އަގާއި ތެލުގެ އަގު އުފުލެމުން ދާތީ ޓެކްސީ ހިދުމަތްދޭ އަގު ވެސް ބޮޑުކުރުމަށް ނިންމާފަ އެވެ.

ސެންޓަރުތަކުން ހިދުމަތްދޭން ނިންމި އަގުތައް ދެ ދުވަސްތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ނަމަވެސް އެ އަގުތައް ނެގުމަށް ޓެކްސީ ސެންޓަރުތަކުން ނިންމާފައިވެ އެވެ.

ނަމަވެސް މިކަމާއި ގުޅިގެން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވަނީ އެއަގުތަކަށް ދަތުރުކޮށްދޭން ނިންމިޔަސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޓެކްސީ ދަތުރުކުރުމަށް މިނިސްޓްރީން އަގުތަކެއް ކަނޑައަޅާފައިވާއިރު، މިނިސްޓްރީގެ ގަވާއިދުތަކާއި ހިލާފުވާ ފަރާތްތަކާ މެދުގައި ފިޔަވަޅުއަޅާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޑްރައިވަރުންގެ ހިޔާލާއި އެކު ޓެކްސީ ހިދުމަތްދިނުމަށް ނިންމާފައިވާ އަގުތައް:

  1. މާލޭގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ އަށް
  2. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ އަށް
  3. މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް 80 ރުފިޔާ އަށް
  4. މާލެއިން ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަށް
  5. ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ އަށް
  6. ރުފިޔާހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ އަށް
  7. ހުޅުމާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން ހުޅުމާލެއަށް- 80 ރުފިޔާ އަށް
  8. ހުޅުމާލެ ފޭސް ދޭކުން މާލެ އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް- 120 ރުފިޔާ އަށް
  9. ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް- 120 ރުފިޔާ އަށް
  10. ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް- 100 ރުފިޔާ އަށް
  11. ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް- 40 ރުފިޔާ އަށް
  12. ހަޔާކޮށްގެން ކުރާ ދަތުރުތަކަށް- ގަޑިއިރަކަށް 250 ރުފިޔާ އަށް

ސެންޓަރުތަކުން ބޭއްވި ބައްދަލުވުމުގައި ރޭގަނޑު 12 އިން ހެނދުނު 6 ކުރާ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގުމަށް ވެސް ނިންމާފައިވެ އެވެ.