އައްޑޫ ސިޓީގައި ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމައެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިމަޝްރޫޢު ނުފެށި ލަސްވާތީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގަައި ބިން ހިއްކުން ލަސްވާ ސަބަބާއި ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ، އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، ބިމުގެ ދަތިކަމަކީ މިސަރުކާރަށް ވަރަށް ރަނގަޅަށް އެގޭ ހައްލު ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރާއިރު އެއާ އެއް މިންވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެދާނެ ގޮތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑު އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނަން. އަދި ސަރުކާރުން ވެސް އައްޑޫގެ ތަރައްގީއަށް ހުރަހެއް ނާޅާނަން،އައްޑޫގެ ތަރައްގީއަކީ އަޅުގަނޑު މިދެންނެވި މައްސަލަތައް ހައްލު ކުރެވޭނެ، ގޮތްތަކާއި އަދި މޫސުމަށް މިއަންނަ ބަދަލުތަކާއި އެކީގައި އައްޑޫގެ ރީތިކަމާއި އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރައްކާ ކުރެވޭނެ ނިޒާމަކަށް އަޅުގަނޑުން އިސްކަންދޭނަން." ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އައްޑޫގެ ބިން ހިއްކުމާއިމެދު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމުގައި އީއައިއޭގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ވަރަށް އަވަހަށް ގޮތްތަކެއް ނިންމާވާނެކަމަށެވެ.
އައްޑޫގެ ބިން ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގޮތުން ޖުމްލަ 236.5 ހެކްޓަރުގެ ބިން އެ މަޝްރޫއުގެ ދަށުން ހިއްކުމަށް ނިންމާފައިވާއިރު އޭގެ ސަބަބުން 21 ހެކްޓަރުގެ ފަރު އަދި 120 ހެކްޓަރުގެ މޫދު ވިނަ ހިމެނޭ ސަރަހައްދު ދާއިމީގޮތެއްގައި ވަޅުލެވިގެންދާނެ އެވެ. ރުފިޔާއިން ބަލާނަމަ ނެތިގެންދާ މޫދު ވިނައިގެ ސަބަބަބުން ލިބޭ ގެއްލުމުގެ އަގު އެކަނިވެސް އަހަރަކު 69 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބިން ހިއްކުމުގެ ސަބަބުން ދާއިމަށް 21 ހެކްޓަރުގެ މުރަކަ ހިމެނޭ ސަރަހައްދު ވަޅުލެވިގެންދާއިރު، ރާއްޖޭގެ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގައި ބުނާ މިންވަރުން އަގުކޮށްފިނަމަ އެންމެ ކުޑަ މިންވަރަކުން ބެލިނަމަވެސް ފަރުތަކަށް ލިބޭ ގެއްލުމުގެ އަގަކީ 343 މިލިއަން ޑޮލަރެވެ. އަދި އެންމެ ބޮޑުކޮށް ބަލާނަމަ 858 މިލިއަން ޑޮލަރެވެ. އެއީ 13.2 ބިލިއަން ދިވެހި ރުފިޔާ އެވެ.