ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޓީމުން "މިނިވަން ބަހުސް"ގެ ނަމުގައި ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން 2004 ވަނަ އަހަރު ބާއްވަން ފެށި ހިޔާލުފާޅުކުރުމުގެ ސިލްސިލާ ބައްދަލުވުމަށް ކިޔާފައި ވަނީ "މިނިވަން ބަހުސް" އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު، މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ބަހުސް ސިލްސިލާގޮތެއްގައި ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މި ބަހުސްއަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވެރިންނަށް އަޑުއިއްވުމަށްޓަކައި ބާއްވާ ބަހުސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، އިމްތިޔާޒުގެ ކެމްޕޭން ޓީމުން އައްޑޫއަށް ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެދަތުރުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމަށާއި، އަންނަ ހަފްތާ ބަންދުގައި ހދ. އަތޮޅަށާއި ހއ. އަތޮޅަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވަނީ ޗެއާޕާސަންގެ އިންތިހާބު ރޯދަމަހާއި ދިމާވާތީ، އިންތިހާބުގެ ތާރީހު ބަދަލުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ.

ރޯދަމަހާއި އިންތިހާބު ދިމާވުމާއި ގުޅިގެން އިންތިހާބުގެ ތާރީހު ބަދަލުކޮށްދިނުމަށް އެދިފައިވަނީ އިމްތިޔާޒާއި އެކު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.