ރިޔާސީ ބަޔާނަކީ އަމާޒެއް ނެތް ހުސްވާހަތަކެއް އެކުލެވޭ ސިޔާސީ ބަޔާނެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވައި މައިނޯރިޓީ ލީޑަރު މިއަދު ވިދާޅުވީ، ރައީސް އިއްވަވާ ރިޔާސީ ބަޔާނެއްގައި ގައުމުގެ ހާލަތު ބަޔާން ކޮށްދޭން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާން ކުރައްވާފައިނުވާކަން ފާހަގަކުރަައްވައި ސަލީމް ވިދާޅުވީ ރިޔާސީ ބަޔާނުގެ ބަދަލުގައި ރައީސް އިއްވެވީ ސިޔާސީ ބަޔާނެއް ކަމަށެވެ.
"2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ބަޔާނުގައި ގައުމުގެ ހާލަތު އެކަށީގެންވާގޮތެއްގައި ބަޔާންކޮށް ނުދެއްވާކަން ފާހަގަ ކުރަން. ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް. އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ޚިޔާލީ ވާހަކަތަކެއް. މިއީ ޒިންމާދާރުކަން ކުޑަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައީސް ސޯލިހު މިހާތަނަށް އިއްވެވި އެއްވެސް ރިޔާސީ ބަޔާނެއްގައި ކީރިތި ޤުރުއާނަށް ހަޖޫ ޖަހައި، ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގައި ހުކުމް ކަނޑައެޅިފައިވާ ކަންކަމަށް ގޮންޖަހައި، އެމްޑީއެން އަދި އުތެމައިން ނެރުނު ރިޕޯޓު ކުށްވެރި ކުރައްވާފައި ނުވާ ކަމަށެވެ. ސަލީމް ވަނީ ލާދީނީ ރިޕޯޓް ލިޔުނު މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބިކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
"މިސްކިތްތަކުގެ ހުރުމަތް ކެނޑުން ހުއްޓުވާކަށް އަދި މިސްކިތްތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވާކަށް އެއްވެސްފިޔަވަޅެއް ނާޅުއްވާ! މިސްކިތުގެ ހުރުމަތް ކަނޑާ މީހުންނަކީ މޮޔައިންކަމަށް ހަދައި، އެއްވެސް ފިޔަވަޅެއްނާޅާ، މިސްކިތްތަކަށް ކުޑަކަމުގޮސް، ކީރިތި ގުރުއާނަށް ކުޅުޖެހުންފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގާ ފަރާތްތައް މުޖްތަމަޢުތެރެއަށް ދޫކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަން ޖެހެ އެވެ.