ރާއްޖޭގެ އެންމެ ދެކުނު ބިތުގައި، ނޫ މުތީގެ ހާރެއްގެ ސިފައިގައިވާ އައްޑޫ ސިޓީއަށް އެމްޑީޕީގެ ސަރުކާރުން ދައްކުވައިދިން ފަރިޗާލު މަންޒަރުތަކެއް އެ ސިޓީއިން ފެންނަމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެސް ބޮޑެތި ވައުދުތައް ވެފައިވާ ކަމަށާއި ނަމަވެސް އެ ވައުދުތުތައް ފުއްދެމުން ނުދާ ކަމަށެވެ.
"އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެކަމަށް ރައީސް ވިދާޅުވިއިރު، އައްޑޫ ސިޓީގެ ރިޒޯޓްތައް އެވަނީ ބަންދުކޮށްފައި. އެތަންތަން ދަނީ ވީރާނާވަމުން. އެތަންތަން ހުޅުވޭނެ ދުވަހެއް ސަރުކާރަކަށް ބުނެ ނުދެވޭ،" ސަލީމް ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ސީ ޕްލޭންގެ ޚިދުމަތް ގެނައުމާއި ގަމުގައި ތިން ހޮޓެލް އަދި، އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީކުރުމަކީ ވެސް ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި ނަމަވެސް، މިއިން އެއްވެސް ކަމެއް މިސަރުކާރަކަށް ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެހެންކަމުން އެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއް ސަރުކާރުން ބުނެދިނުމަށް ގޮވާލެއްވި އެވެ. އަދި އައްޑޫ ސިޓީގައި އެލްޑަލީ ވިލެޖެއް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ވިލެޖްގެ އެއްވެސް މަސައްކަތެއް އަދި ނުފެށޭ ކަމަށާއި މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ގާއިމުކޮށްދެން ވަޢުދުވެވަޑައިގެންނެވި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޓިން ސެންޓަރުގެ ބިންގާ ވެސް އަދި ނޭޅޭކަން ސަލީމް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އައްޑޫ އކުއެޓޯރިލަ ހޮސްޕިޓަލް ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ޒަމާނީ އިކުއިޕްމަންޓްތަކާއެކު ތަރައްގީ ކުރެވިފައިވީ ނަމަވެސް އެތަނުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުދެވެނީ ސަރުކާރުގެ ނާގާބިލް ކަމުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.