ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައި، އެ ސިޓީގެ ތަރައްގީއާއި ކުރިމަގަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާ، ސަރުކާރުން ގެންގުޅޭ ތަސައްވުރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ފުވައްމުލަކުގައި ހިންގާ ބޮޑެތި ބައެއް މަޝްރޫއުތައް ނުނިމި ދިގުލައިގެންދާތީ އެ ރަށުގެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލުކުރައްވާ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީގެ ކައުންސިލް މެންބަރުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާ، އެ ސިޓީގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާ ކުރައްވާފަ އެވެ. މި ގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރާއި މަގު ހެދުމުގެ މަޝްރޫއުތަކާއި، ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވާފައިވާ މަޝްރޫއު ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ، އެ މަސައްކަތްތަކާ ގުޅިގެން އެ ސިޓީގެ އިތުރު މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަން ރައީސަށް ދަންނަވާފަ އެވެ. ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވަނީ، އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ކުނީގެ މައްސަލަ ހައްލުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މުހިންމުކަމާއި، ކުށްކުރުން މަދުކުރުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، ކައުންސިލުގެ މާލީ ބާރުވެރިކަން އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުފަހިކުރުމުގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫއުތަކުގައި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވާ ކަމަށާއި، އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި، މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.