މާލޭގައި ދުއްވާ ޓެކްސީތަކުން ދަތުރުތައް މިއަދު މެންދުރުފަހު ހުއްޓާލައި، ޑްރައިވަރުން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއާ ހަމައަށް ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނަމަ ދަތުރުތައް މެދުކަނޑާލާނެކަން ފާހަގަކޮށް ޑްރަވަރަކު "ވަގުތު" ނޫހަށް މައުލޫމާތުދެމުން ބުނީ، އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1 ޖަހާއިރު ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަހައްދުގައި ކަމަށެވެ.

އެ ބައްދަލުވުމަކީ، ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލެއް ނުދީފިނަމަ، ދެން ޑްރައިވަރުން ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

"އެ ބައްދަލުވުމުން އަޅުގަނޑުމެން ނިންމާނީ ދެން ކުރިއަށް ދާނެ ގޮތެއް، އަޅުގަނޑުމެން ހިމޭން އިހްތިޖާޖަކަށްތޯ ނުކުންނާނީ، ނޫނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން ނުކުންނާނީތޯ، އެ ބައްދަލުވުމުން އަޅުގަނޑުމެން ނިންމާނީ،" އެ ޑްރައިވަރު ބުންޏެވެ.

ޓެކްސީ ހިދުމަތްދޭ އަގު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުން ވަނީ މީގެ ކުރިންވެސް ބައްދަލުވުމެއް ބާއްވާފަ އެވެ. 14 ސެންޓަރަކުން ބައިވެރިވެރިވެފައިވާ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެންޓަރުތަކެެއްގެ އިއްތިފާގުން ތަކެތީގެ އަގާއި ތެލުގެ އަގު އުފުލެމުން ދާތީ ޓެކްސީ ހިދުމަތްދޭ އަގު ވެސް ބޮޑުކުރުމަށް ނިންމި އެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކަމަށް ދެކޮޅުހަދާފަ އެވެ. އަދި މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގު ސެންޓަރުތައް އަމިއްލައަށް ބޮޑުކޮށް، ހިދުމަތް ނުދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.