ކާންޔޭ ވެސްޓް ދެކެ ވަރަށް ލޯބިވާ ކަމަށް އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަން ބުނެފި އެވެ.

އިނގިރޭސި ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ކިމް ބުނީ އޭނާ އަދިވެސް ކާންޔޭ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އަދި ކިމް އާއި ކާންޔޭގެ މެދުގައި ވަނީ ހާއްސަ ގުޅުމެއް ކަން ފާހަގަކޮށް ކިމް ބުނީ ކާންޔޭއަށް އަބަދުވެސް އިހުތިރާމުކުރާނެ ކަމަށެވެ.

ކިމް އިތުރަށް ބުނީ ދަރިންނާ ގުޅިގެން ސޯޝަލް މީޑިއާގައި ދައްކަން ނުޖެހޭ ވާހަކަތަކެއް ދެކެވުނު ނަމަވެސް، އެއަށް ވުރެ ޕޮޒިޓިވްކޮށް ނެގޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކާންޔޭ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އަންހެނުން ކިމްއާ ވަކިވާން ޖެހުނީ، އޭނާ ކިމްއަށް ބޭވަފާތެރިވިކަން ހާމަވުމުންނެވެ. އެއަށްފަހު ދެފަންނާނުންވެސް އެހެން ތަރިންނާއި ލޯބީގެ ގޮތުން ގުޅުން ބާއްވާފައިވެ އެވެ. ނަމަވެސް ކާންޔޭ ވަނީ ކިމްއާ ކިމްގެ ލޯބިވެރިޔާއާ ދުރުކުރަން މަސައްކަތް ކޮށްފަ އެވެ.

އެކަމުގެ ތެރެއިން ނުރުހުން ފާޅުކުރަމުން ދެ ފަންނާނުންނަށް ލިބުނު ދަރިފުޅުގެ ވީޑިއޯއެއް ކިމް ސޯޝަލް މީޑިއާގައި އާންމުކުރުމުން ކާންޔޭ ވަނީ، އެކަމަށް ފާޑުކިޔާފަ އެވެ. އަދި ކާންޔޭގެ ހުއްދައާ ނުލައި ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް އާންމު ކުރެވިގެން ނުވާނެ ކަމަށް އޭނާ ބުނެފައިވާއިރު، އެ މައްސަލަ ވަނީ ޝޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ އާންމުންގެ ސަމާލުކަން ހޯދާފަ އެވެ.

އެކަމަށް ކިމް ދިން ރައްދުގައި ކިމް ބުނީ، ދަރިންގެ ކަންކަމުގައި އެންމެ ބޮޑަށް އިސްނަގައި، ހަރަދު ކުރަނީ ކިމް ކަމަށެވެ. އަދި އޭނާގެ ދަރިން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަރުކުރަން މަސައްކަތް ކުރާ ކަމަށާއި، ދެމަފިރިން ވަކިވާން ނިންމުމުން ދަރިން އެ ދެމެދަށް ނުވައްދަން އުޅުނު ނަމަވެސް އެކަމަށް ކާންޔޭ ހުރަސް އަޅާ ކަމަށެވެ. ނަމަވެސް ކާންޔޭ އެކަން ސިފަކޮށް ބުނީ އޭނާގެ ދަރިން ކިމް ރަހީނުކުރީ ކަމަށެވެ.