މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ނާރެސް ކަމަށްވާ ޑިއޭގޯ ގާޝިއާ ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރިން ވެސް ދިވެހިން ދަންނަ ރަށެކެވެ.
މީލާދީން ސަތާރަ ވަނަ ގަރުނުގެ ކުރީކޮޅުގައި މޮރިޝަސްގައި ވަޒަންވެރިވެ ބަޔަކު ދިރިއެއް ނޫޅެ އެވެ. ޕޯޗްގީޒުންނާއި ހޮޅިންނާއި ފަރަންސޭސިން މޮރިޝަސްގައި އެކި ބޭނުންތަކަށް އެކި ދުވަސްވަރު އުޅުނުކަމަށް ވިޔަސް އެ ރަށްތައް ކޮލޮނައިޒްކޮށް މީހުން އާބާދުކުރުމުގެ މަސައްކަތް ފުރަތަމަ ވެސް ފެށީ މީލާދީން 1635 ވަނަ އަހަރު ހޮޅިންގެ މީހުންނެވެ.
އެފްރިކާގެ އެތަންމިތަނުން އަޅުން ގަނެގެން ގޮސް މޮރިޝަސްގައި ތަފާތު މަސައްކަތް ކުރުވަން އުޅުނު ކަމަށް ވިޔަސް އެ ރަށުގައި އެކަށީގެންވާ ގޮތެއްގައި މީހުން ވަޒަންވެރިވެ ތިބެގެން އިގުތިސާދީ މަސައްކަތެއް ކުރެވޭ ގޮތް ނުވެ އެތައް ޒަމާނެއް ވޭތުވެދިޔަ އެވެ. ތަފާތު ބަލިމަޑުކަމާއި އެކި ބާވާތުގެ ތޫފާންތަކުގެ ސަބަބުން އެ ދުވަސްވަރު އެތަނުގައި ބަޔަކަށް ދެމިތިބެވޭ ގޮތް އޮތީ ނުވެފަ އެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅާ މާދުރު ނޫން ހިސާބެއްގައި އޮތް ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކޮށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އެ ދައުވާ ކާމިޔާބުކުރި މޮރިޝަސްގައި ބަޔަކު ވަޒަންވެރިވުމަށް މަސައްކަތްކުރުމުގެ މާކުރިން ވެސް ފޯޅަވައްސަކީ ދިވެހިން ދަންނަ ރަށެކެވެ. އެކަން އެންމެ ތަފުސީލުކޮށް އެނގެން އޮތް އެއް ލިޔުމަކީ މީލާދީން 1602 ވަނަ އަހަރު ދިވެހި ރާއްޖެއަށް އުރުނު ފަރަންސޭސި ނަވުން ރާއްޖެ އައިސް ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދިރި އުޅުނު ފަރަންސޭސި ރައްޔިތެއް ކަމަށްވާ ޕިރާޑު ދިވެހި ރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެވެ.
އެ ޒަމާނުގެ ދިވެހީންނާ ހަވާލާދީ ޕިރާޑު ފޯޅަވަހި ސިފަކުރައްވާފައި ވަނީ "ޖިންނި ޝައިތާނުން އުޅޭ ރަށެއް"ގެ ގޮތުގަ އެވެ. އެ ޒަމާނުގައި ރާއްޖޭގެ އޮޑިތައް ބެހިގެން އެ ރަށަށް ދެވޭ ކަމަށާއި އެރަށުގައި ޖިންނި ޝައިތާނުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށް ލިޔެފައިވެ އެވެ. ޕިރާޑުގެ ބަޔާނުން އެނގޭ ގޮތުގައި ކޮންމެވެސް ޒަމާނެއްގައި ދިވެހިން އެތަނުގައި އުޅުނެވެ. ނަމަވެސް އެބައިމީހުނަށް ޖިންނީގެ އުނދަގުލާ ހެދި އެތާގައި ދެމިތިބެވޭ ގޮތް އޮތީ ނުވެފަ އެވެ.
ޕިރާޑު ރާއްޖޭގައި އުޅުނު ދުވަސްވަރު ރާއްޖޭގެ ރަސްކަލަކަށް ހުންނެވީ އުތީމު މުހަންމަދު ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނެވެ. އެ ރަސްގެފާނުގެ ވެރިކަމުގައި ފޯޅަވަހި ހޯދުމަށް ދެތިން ފަހަރަކު އޮޑިތައް ފޮނުއްވި ކަމަށް ޕިރާޑު ލިޔެފައިވެ އެވެ.
"ދިވެހި ރާއްޖޭގެ ކުރީގެ ރަސްރަސްކަލުން ފަދައިން ކަލާފާނު ވެސް އެތަނަށް އޮޑިއެއް ފޮނުއްވުމަށް ގަސްދު ކުރައްވައިފި އެވެ. އޭރު މާލޭގައި ވަރަށް މޮޅު މާލިމީއަކު ހުއްޓެވެ. އޭނާއާ މިކަން ހަވަލު ކުރެއްވީމާ ހޯދީ ހަމަ އެކަނި ދަތުރުކުރާ ފަޅުވެރިންނެއް ނޫނެވެ. ސިހުރު ވެރިންނާ ފަންޑިތަ ވެރިން ވެސް ހޯދިއެވެ." ޕިރާޑުގެ ފޮތުގައިވެ އެވެ.
އޭނާގެ ފޮތުގައި ވާގޮތުން އެގޮތަށް ތައްޔާރުވެގެން ކުރި ދަތުރުގައި ވެސް ފޯޅަވަހި ހޯދުމުގައި ކާމިޔާބެއް ނުލިބުނެވެ. އެފަދަ ކިތައްމެ ދަތުރެއްގައި އެ މާލިމީ ދިޔަ ކަމަށް ވެސް ޕިރާޑު ލިޔެފައިވެ އެވެ.
ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލަ ދުނިޔޭގެ އެންމެ މަތީ ކޯޓުގައި އިނގިރޭސި ވިލާތާ ދެކޮޅަށް ކާމިޔާބުކުރި މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ މާކުރިން ދިވެހި ރަސްކަލުން ފޯޅަވަހި ހޯދަންކުރި މަސައްކަތް ކާމިޔާބުނުވި ފަދައިން މިއަދުގެ ދިވެހި ސަރުކާރަށް ވެސް ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.
އިނގިރޭސިންނާއި މޮރިޝަސްއިން ކޯޓު ކޭސްއަކަށް ގޮސް އެންމެ ފަހުން އ.ދގެ އާންމު މަޖިލީހުގައި ވޯޓު ނެގިއިރު އިނގިރޭސިންނާ އެއްކޮޅަށް ވޯޓު ދިން މަދު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުމުން މޮރިޝަސްގެ ނުރުހުން ވަނީ ރާއްޖެއަށް އަމާޒުވެފަ އެވެ.
މިހާރުގެ ހާލަތަށް ބަލާއިރު އިނގިރޭސިންނާއި މޮރިޝަސްއާ ދެމެދު ރާއްޖެ ތާށިވެ، ރާއްޖޭގެ ދެކުނުން ދިވެހިން އިގްތިސާދީ ނަފާ ހޯދަމުން އައި ބޮޑު ސަރަހައްދެއް ގެއްލި ދިއުމުގެ ބިރު ބޮޑެވެ.
މޮރިޝަސްއިން މިހާރު ފަށާފައި ވަނީ ފޯޅަވަހި ހިމެނޭ ފަރުގެ އެންމެ އުތުރު ފަރާތުން ކިތަންމެ ކުޑަތަންކޮޅެއް ވެސް ފެނުން މައްޗަށް އެއްވެސް ދިޔަވަރެއްގައި އުފުލިފައި ވޭތޯ ބެލުމެވެ. އެފަދަ ގާކޮޅެއް ނަމަ ވެސް ފެނިއްޖެ ނަމަ އެއީ ރަށެއް ކަމުގައި ބަލައި އެ ހިސާބުން ފެށިގެން ދިވެހި ރާއްޖެއާ ދެމެދުގެ ސަރަހައްދު ހަމަހަމަޔަށް ބަހާލުމަށް އެދުމުގެ ހައްގު މޮރިޝަސްއަށް ލިބޭނެ އެވެ.
ފޯޅަވަހި ހޯދަން ކާބަފައިން ކުރި މަސައްކަތް އެތަނުގައި އުޅުނު "ޖިންނި ޝައިތާނުން"ގެ ސަބަބުން ނާކާމިޔާބު ވީފަދައިން އެ ސަރަހައްދުގެ ކަނޑުން ދިވެހިން ޒަމާނުއްސުރެ ބޭނުންކޮށް އުޅުނު ބޮޑު ބައެއްގެ މިލްކު ވެރިކަން ހޯދުމަށް މިއަދުގެ ދިވެހިން ކުރާ މަސައްކަތުގައި މޮރިޝަސްގެ މައްޗަށް ކާމިޔާބު ލިބޭނެކަމުގެ އެއްވެސް އަލި މަގެއް ފެންނާކަށް ނެތެވެ.
އެއީ ހަމަ ދިވެހިރާއްޖޭގެ އަތޮޅެއް، މަލިކް އޮންނަނީވެސް ރާއްޖޭގެ އަތޮޅެއްގައި ؛
ޖިންނި ގަބޫލު ކުރުމަކީ ވެސް ގެއްލުމެއް
ފޯޅަވައްސަކީ ދިވެހިންގެ ދިވެހި އަތޮޅެއް އެތަނުގަ އޮތީ ދިވެހި ނަސްލެއް އެތަނުގަ ފުރަތަމަ ދިވެހިން ވަޒަންވެރިވީ. އެތަން އެމީހުން ދޫނުކުރޭ ދެކުނުގެ ރައްތަކަށް އެމީހުން ހިޖުރަކުރި. މި އީ ކަންކަން ލިޔަންފެށުމުގެ ކުރި އެކަމަކު ހަގީގަތް. އެތަން ބިރުވެރިތަނަކަށްވުމުން އެތަނުން ދިވެހިންދިޔައީ އެކަމަކު ކާށި ހޯދުމަށާއި ބޮލި ހިލުމަށް އެތަނަން ދިވެހިންދޭ. ތިޔައީ 100ޕަސެންޓް ދިވެހިންގެ ހައްގެއް.