އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" އަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ރައީސް އަބްދުއް ރަޙީމް (އަދުރޭ) ގޮވާލައްވައިފި އެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ދިވެހީންގެ މިނިވަންކަމާ އިސްތިގުލާލު ނަގާލާ އަވަށްޓެރި އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމަށް ޖަރީމާތައް ހިންގާކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް ރައީސް ނަޝީދުވެސް ފާޅުގައި ތެދުވެ ވަޑައިގެން ދެއްވުމަށް އިޚްލާސްތެރިކަމާއެކު ދަންނަވާކަމަށް އަދުރޭ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އދ. މަހިބަދޫގައި މިއަދު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނުގައި ވާހަކަ ދައްކަވަމުން، އަދުރޭ ވަނީ ޕީޕީއެމްއާ ނުބެހި، ފުރަތަމަ އެމްޑީޕީ ހަމައަކަށް އެޅުވުމަށް ރައީސް ނަޝީދަށް ގޮވާލާފަ އެވެ. އަދި ޕާޓީގެ ތެރޭގައި ބޮޑުތަނުން ބަލިވުމުން، ޕީޕީއެމްގެ ކަންކަމާއި ނުބެހުމަށާއި، އޭގެ ބަދަލުގައި އަމިއްލަ ޕާޓީގެ ކަންކަން ހަމައަކަށް އެޅުއްވުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެމަނިކުފާނު އެދެނީ ގައުމަށްޓަކައި އެ ހަރަކާތް ހުއްޓުމަށްކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެފައިވެ އެވެ.