އާދައިގެ މަތިން މިއަދު ވެސް ހެނދުނު މަގުމައްޗަށް ނުކުތީ ދުވަސް ފަށާށެވެ. އެހެން ދުވަސް ތަކާ ޚިލާފަށް މިއަދު މަގުމަތިން ކަމެއް ފާހަގަވި އެވެ. މާސްކު ނާޅާ އުޅޭ މީހުންގެ އަދަދު ކުރިއަށްވުރެ ގިނަ ވެއްޖެ އެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އާއްމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއެކު ގިނަ ބަޔަކު ވަނީ މިއަދު މިނިވަން ކަމާއެކު މަގުމަތީގައި ހަރަކާތްތެރިވެފަ އެވެ.
ނަމަވެސް ސުވާލަކީ މިއީ އެންމެ ރަނގަޅު ފިޔަވަޅުތޯ ކުރެވޭ ސުވާލެވެ. މިއީ މިފަދަ ބޮޑު ލުއިތަކެއް ދޭން އެންމެ މުނާސަބު ވަގުތުތޯ އުފެދޭ ސުވާލެވެ. ކޮންމެއަކަސް މިއީ އަހަރުމެން ދިވެހިންގެ މެދުގައި ހިޔާލު ތަފާތުވެފައި އޮތް ބަހުސެކެވެ.
"ދެ އަހަރަށްފަހު ހަމަ ނޭވާއެއް ލެވިއްޖެ" ގެނެވުނު ބަދަލުތަކާއެކު ހިތްހަމަ ޖެހިފައި ހުރި އިސް ރަށްވެއްސަކު ބުންޏެވެ.
މި ފާއިތުވީ ދެ އަހަރު ތެރޭގައި މާސްކު އަޅަން ޖެހިފައި އޮތް އޮތުން އުނދަގުލަކަށް ގިނަ ބަޔަކަށް ވަނީ އުނދަގުލަކަށް ވެފަ އެވެ. ވާނީވެސް އެހެންނެވެ. މާސްކާއެކު ހަމަ ނޭވާލުމަކީ އުނދަގޫ ކަމެކެވެ. އޭގެ މައްޗަށް އެއަށް ކުރަން ޖެހޭ ހަރަދެވެ. ދުވާލަކު މާސްކެއް ބޭނުން ނުކުރި ނަމަވެސް މި ދެއަހަރު ތެރޭގައި އަހަރުމެންގެ އަތުން ބޮޑު ހަރަދެއް މާސްކުތަކަށް ކުރެވިފައި ވާނެ އެވެ.
"މިއަކުން ވާކަމެއް އޮތީއެއް ނޫން. މާ ލަސް ވެސް ވެއްޖެ މިކަން ކުރަން" އެހެން މީހަކު ބުންޏެވެ.
މާސްކާއި ދެންވެސް ސިއްހީ އިދާރާތަކުން ލަފާ ދީފައިވާ ފިޔަވަޅުތަކަކީ އެއްވެސް އަސާސެއް ނެތް ފިޔަވަޅުތަކެއް ކަމުގައި އެއްބަޔަކު ދެކެ އެވެ. މިފަދަ މީހުންނަށް މި ފިޔަވަޅަކީ މާނައެއް ނެތް ފިޔަވަޅެކެވެ.
"މާސްކު ނާޅައި އުޅެންޏާ މިހާރު ހީވަނީ ގައިގެ އެއްބައި މަދުހެން" ދައްތައަކު ބުންޏެވެ.
ތެދެކެވެ. މާސްކު އެޅުމަކީ އަހަރުމެންގެ އާދައަކަށް ވެއްޖެ އެވެ. އެއާނުލާ ބޭރަށް ދިއުމަކީ އައުރަ ނުފޮރުވާ ބޭރަށް ދިއުން ފަދަ ކަމަކަށް ވެއްޖެ އެވެ. އެހެން ކަމުން ކުރީގެ އާދަތަކަށް ދާން ގިނަ ދުވަސް ތަކެއް ވާނެ އެވެ.
ކޮންމެ އަކަސް މާސްކު އެޅުމަކީ މިހާރު އަހަރުމެންގެ އިހުތިޔާރުގައި އޮތް ކަމެކެވެ. މާސްކު އެޅިޔަސް ނޭޅިޔަސް ވިސްނަންވީ ކަމަކީ މި ދެއަހަރު ތެރޭގައި އަހަރުމެންގެ ގައިގައި އަށަގެންނުވި ސާފުތާހިރު ކަމުގެ ރީތި އާދަތައް ދޫކޮށް ނުލުމެވެ.