“ދޮންބެގެ އުފަލަށް ޓަކައި އަހަރެން ނުކުރާނެކަމެއް ނޯންނާނެ!” ފިޒާލަށް އައިސްފައިވާ ބަދަލު ފެނިފައި ފަޒުލާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.
ފިޒާލުގެ ލޮލުން ހިލުނު ކަރުނަ ފެނިފައި، ބިޝާރާގެ މަތިން ފަޒުލާ ހަނދާންނެތުނު ކަހަލައެވެ. ބިޝާރާގެ އުފަލަށްވުރެ، ދޮންބެގެ އުފާ އޭނާއަށް މާ ބޮޑަށް ވެސް މުހިންމެވެ. ދޮންބެގެ ހިތް ފައިދަށުލައިފައި، އެހެން އެއްވެސް މީހެއްގެ ހިތަށް ހޭހަންކޮށްދިނުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. މި ވަގުތު އޭނާގެ ޢަމަލާއި ބަހުން ފެންނަމުން އެ ދަނީ އެ ކަމެވެ. ފަޒުލާ ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް ދޮންބެއަށް ނަދާ ހޯދައިދޭށެވެ. އެ ކަމަށް ޓަކައި އޭނާ ދުޢާކުރަން ބޭނުންވެއެވެ.
ކޮޓަރީގައި އޮތް އިރު ވެސް ފަޒުލާއަށް ވިސްނެނީ އެ ކަމާ ދޭތެރޭގައެވެ. ދޮންބެގެ ލޮލުން ކަރުނަ ފެނުމަކީ، އޭނާ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ދޮންބެއަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. އެ ފަދަ ހިތްވަރު ގަދަ ދޮންބެއެއްގެ ދެ ލޮލުން ކަރުނަ ފެންނާނީ، ވަރަށް ބޮޑަށް މާޔޫސްވީމައެވެ. ދެރައީ ނަދާއަކީ ކާކުކަން ނޭނގޭތީއެވެ. ގުޅާފައި ވާހަކަ ދެއްކޭނީ ވެސް އެނގޭ ނަމަ ތާއެވެ.
މާރިޗުމަހުގެ 8 ވަނަ ދުވަހަކީ ވެސް މާލޭގައި ދިރިއުޅޭ ޢާއިލާއެއް ހިތާމައިން ފޯކޮށްލި ދުވަހެކެވެ. ދިވެހި ރާއްޖެއިން އެތައް ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނައިރު، މިއަދަކީ ރާއްޖެއިން މިހައިތަނަށް މި ބައްޔަށް ފައްސިވި އެންމެ ތުއްތު ކުއްޖާ ފައްސިވި ދުވަހެވެ. ހަތް މަހުގެ މި ކުއްޖާއަކީ، ކޮރޯނާވައިރަހަށް ފައްސިވާ މީހުން ބައިތިއްބާ އެނބޫދޫ ވިލެޖް ކަރަންޓީނު ފެސިލިޓީގައި މަސައްކަތްކުރާ ފުލުހެއްގެ ދަރިއެކެވެ. މި ކުއްޖާގެ އިތުރުން އޭނާގެ ދެ އަހަރުގެ ދަރިފުޅާއި އަންހެނުންނާއި މަންމައާއި ބައްޕަ އަދި، ދައްތައާއި ދައްތަގެ ހަތް އަހަރުގެ ދަރިފުޅު ވެސް ވަނީ ފައްސިވެފައެވެ.
“ތީ ހާދަ ހިތްދަތި ޚަބަރެކޭ.” ތައުފީޤު ސޯފާގައި ޚަބަރު ކިޔަން އިންއިރު، މަދީހާ ހުރީ އިސްތިރިކުރާށެވެ. “އެ އާއިލާގެ އެންމެންނަށް ބަލި ޖެހުނީ ދޯ!”
“އާނ! އެކަމަކު އެ ގެއިން އެއްވެސް މީހަކު ބޭރަކަށް ވެސް ނުދެޔޯ. ފުލުސްމީހާ ވެސް، ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެޔޯ ގެއަށް ނުދާތާ.”
“ދެން ކިހިނެއްބާ އެ ވީ؟”
“އެ މީހުން ލަފާކުރަނީ ޑެލިވަރީ ކުރުމުގެ ތެރެއިން ވީ ކަމެއްކަމަށް.”
“އެހެންވިއްޔާ ގެއިން ނުނިކުމެ ތިބޭ މީހުންނަށް ވެސް، ރައްކާތެރިކަމެއް ނެތްތާ!”
“ވީހައި ވެސް ބޮޑަށް ބަލައިގެން އުޅުނީމަ ރައްކާތެރިވާނެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ވެސް ގަވާއިދުން ކިޔޭތޯ ބަލަންވީ!” ތައުފީޤު ނަސޭޙަތްތެރިވިއެވެ.
“އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ!”
“ސުބުޙާނަﷲ! ބަލައިބަލަ މި އޮތް ޚަބަރެއް. ކުރީ ސަފުގައި މަސައްކަތްކުރާ ފަސް ފުލުހަކު ޕޮޒިޓިވްވެ، 160 އަށް ވުރެ ގިނަ ފުލުހުން ކަރަންޓީން ކޮށްފިޔޯ.”
“ސުއްބޫޙުން! ހާދަ ގިނަ މީހުންނެއް ތި ކަރަންޓީނުކުރީ! ތިހެން ބުނީމަ މި ހަނދާންވީ. މިތާ ކުރިމަތީ މިހިރަ އެޕާޓްމަންޓުގައި އުޅޭ ފުލުހަކު ވެސް ޕޮޒިޓިވް ވެއްޖޭ މީހަކު ބުނި.” އެއީ މި އިމާރާތުގައި އުޅޭ މަދީހާގެ ރައްޓެއްސަކު މިއަދު ހެނދުނު މަދީހާއަށް ގުޅާފައި ބުނި ވާހަކައެކެވެ.
“ދޮގުނުހަދާ!” މަދީހާގެ މޫނަށް ތައުފީޤަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުގައެވެ. އެ މީހުންނާ ވަރަށް ގާތަށް ވައިރަސް އައިކަމުގެ އިހުސާސް ކުރެވިފައެވެ. “ހާދަ ނުރައްކާ ވަނީއޭ ދޯ! ދޮރުތަކާ ތަންތަން ރަނގަޅަށް ބަންދުކޮށްފައި ބަހައްޓާތި!”
ނިޒާރު އައި އިރު ތައުފީޤުގެ ދެމަފިރިން ތިބީ އެ ވާހަކައިގައެވެ. ނިޒާރު އައުމާއެކު ނިޒާރު ވެސް އެ ވާހަކައިގައި ބައިވެރިކޮށްފިއެވެ. ބަލީގެ ނުރައްކާތެރިކަން އިތުރުވަމުން އަންނަ ވާހަކައެވެ. ޑެލިވަރީއަށް ވެސް މިހާރު އިތުބާރެއް ނެތް ވާހަކައެވެ. އެއް ވާހަކައިން އަނެއް ވާހަކަ ކުރި ފަޅަމުން ދިޔަ ނަމަވެސް، މައުޟޫޢަކަށް ބަދަލެއް ނާދެއެވެ. މިހާރު ފެށިފައި އެ ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތައްޔާރުކުރާ މެޑިކަލް ފެސިލިޓީގެ ވާހަކައެވެ. މިއީ އެމްއެންޑީއެފާއި ފެނަކައިން އިސްވެ ތިބެ ތައްޔާރުކުރާ ތަނެކެވެ. އޭގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތައް ވެސް މި ކަމުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާއި ވެމްކޯއާއި އާރުސީސީއާއި އެލިއާ ކޮންސްޓްރަކްޝަންއާއި އަމިން ކޮންސްޓްރަކްޝަންގެ އިތުރުން ލެއޯ ކޮންސްޓްރަކްޝަން ހިމެނެއެވެ. މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ އެ ފެސިލިޓީ ވަރަށް އަވަހަށް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ތައުފީޤު ބުންޏެވެ.
“އެ ތަނުގެ މަސައްކަތުގައި އުޅުނު އާރުސީސީ ކުންފުނީގެ ދެ މުވައްޒަފަކު ޕޮޒިޓިވްވެ، ސައިޓް މޮނީޓަރީންގެ ހާލަތަށް ގެނައުމުން ލޮކްޑައުންވެ ތިބެގެންނޯ އެ މީހުން މަސައްކަތްކުރީ.” ނިޒާރަށް ތައުފީޤު ކިޔައިދިނެވެ.
“ވަރަށް ބޮޑު ތަނެއްތަ އެއީ؟”
“290 އެނދު. ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ އެ ތަނަށް ހޭދަވިޔޯ. އެހެންވީމަ ކުޑައެއް ނުވާނެތާ.” ތައުފީޤު ތަފުސީލުކޮށްދިނެވެ.
“ތިތަން ހުޅުވުނީމަ ބަލިވާ އެންމެން ތި ތަނަށް ދޯ ގެންދާނީ؟”
“އެންމެނެއް ނޫން! އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުން އެކަނި. ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލާން ޖެހިއްޖެއްޔާ ގެންދާނީ ޓްރީ ޓޮޕަށް. ޓްރީ ޓޮޕްގައި 200 ވެންޓިލޭޓަރު ބަހައްޓާނެޔޯ”
“އާނ! މި ވަރަށް މީހުން ޕޮޒިޓިވްވަމުން އަންނައިރު ރަނގަޅަށް ތައްޔާރުނުވެ ކަމަކު ނުދާނެ! މިހާރު ވެސް 790 ވަރަކަށް މީހުންނަށް ބަލި ޖެހިފައި އެބަ ތިބިކަމަށް ވަނީ.”
ނަދާ އޮތީ ކޮޓަރީގައެވެ. ބޮލުގައި ރިއްސާތީއެވެ. ރޯގާޖެހި ކިނބިހި އެޅޭތީއެވެ. ކަރުތެރެ ވެސް ހުންނަނީ ހިރުވާގޮތްވެފައެވެ. މި ޢަލާމާތްތައް ފެންނާންފެށުމުން އޭނާގެ ހިތަށް ވަނީ ބިރުވެރިކަން ވަންނާން ފަށާފައެވެ. އެއީ ކޮވިޑްގެ ޢަލާމާތްތަކެވެ. ގެއިން މީހަކު ފައްސިވެ، އެ ބިރުވެރިކަމުގައި އިންދާ މި ހެން ވާން ފެށުމުން، ނަދާގެ ހިތް ވަނީ ވަރަށް ބޮޑު ހާސްކަމަކާއި ކަންބޮޑުވުމެއްގެ ތެރެއަށް ގަންބާލައިފައެވެ. އެ ގޭ މީހުންގެ މަޝްވަރާއާއެކު ނަދާ ގަސްތުކުރީ ފުލޫ ކުލިނިކަށް ގޮސް ޑޮކްޓަރަށް ދައްކާށެވެ.
ނަދާ ޑޮކްޓަރަށް ދެއްކުމުން ސާމްޕަލްނެގިއެވެ. ބޭސްދިނެވެ. އެކަހެރިވެގެން ގޭގައި އިނުމަށާއި އެޗުޕީއޭއަށް އެންގުމަށް އިރުޝާދުދިނެވެ. ޑޮކްޓަރު އެންގި ގޮތަށް ނަދާ ޢަމަލުކުރިއެވެ. އޭނާގެ ނުތަނަވަސްކަން އިންތިހާގައި ވަނިކޮށް ލަތީފު ގުޅިއެވެ. އެހެންނަމަވެސް މި ވަގުތު އެ ފޯނު ނަގާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުން ނުވިޔަސް ނުނަގައި ވާކަށް ވެސް ނޯންނާނެއެވެ. އިއްޔެ ވެސް ދެ ކޯލު މިސްވިއެވެ. ގަސްތުގައި ނުނެގީއެއް ނޫނެވެ. ބޮލުގައި ރިއްސާވަރުން ނަގާނޭ ހިތްވަރު ނުލިބުނީއެވެ.
ނަދާ ތެދުވެ ޓިޝޫއަކުން ނޭފަތް ސާފުކޮށްލަމުން ފޯނު ނެގިއެވެ.
“ހަލޯ!” ނޭފަތް ބެދުމުގެ ސަބަބުން ނަދާގެ އަޑު ހުރީ ކުޑަކޮށް ބަދަލުވެފައެވެ.
“ފޯނު ނެގިއްޖެ ދޯ! އިއްޔެ ވެސް ދެ ފަހަރަށް ގުޅިން.”
“ވަރަށް ބޮޑަށް ރޯގާޖެހިގެން މި އުޅެނީ.”
“ހުސް ބަހަނާ! ރޯގާޖެހުމަކީ ފޯނު ނުނެގޭވަރުގެ ކަމެއް ނޫން!”
“ލަތީފަކަށް ނޭނގޭނެ މަށަށް ވާވަރެއް. އަބަދު ތި ގޮތަށް އެއްޗެހި ނުކިޔަފާނަންތަ؟” ނަދާގެ ލޮލުން ކަރުނަ ހިލުނެވެ.
“އަހަރެން ނަދާދެކެ ލޯބިވާވަރު ނަދާއަކަށް އިހުސާސެއް ނުކުރެވޭނެ”
“ލޯބިވާ މީހުން އުޅޭނީ ތިހެނެއް ނޫން!”
“ކުރިން އަހަރެން ނަދާއާ ވާހަކަދެއްކީ ވަރަށް ލޯބިން. ވަރަށް ރީތިކޮށް. އެކަމަކު އޭރު ނަދާ އުޅުނީ ނަދާވަރުގެ މީހަކު ނެތިގެން މިއަދު ނަދާއަށް މަޖުބޫރުވާނެ މަށާ ވާހަކަ ދައްކަން. މަށަށް އެނގޭ ނަދާ މަ ދެކެ ލޯބިނުވާކަން ވެސް.”
ނަދާ އަނގައަކުން ނުބުނެއެވެ. ލަތީފު ކިޔާނެ ވަރަކަށް އެއްޗެހި ކިޔާފައި ފޯނު ބާއްވަންދެން އިނީއެވެ. އެ ފަދަ ބަލި ހާލެއްގައި އޮއްވާ އެ ގޮތަށް އެއްޗެހިކީމާ، އެހެން ފަހަރުފަހަރު އަސަރުކުރާވަރަށް ވުރެ ބޮޑަށް އަސަރުކުރިއެވެ. ހިތުގައި ޖެހުނެވެ. މި ފަދަ ދަނޑިވަޅެއްގައި ބޭނުންވާނީ ލޯތްބާއި އޯގާވެރިކަމެވެ.
މެންދުރުކުރީގެ ވަގުތެވެ. ކޮޓަރި ކުނިކަހައި ތަންމަތިއަޅައި ކަންކަން ކޮށްލަން އުޅެނިކޮށް، ފަޒުލާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ބިޝާރާ ގުޅަނީއޭ ހީކޮށް ފޯނު ބަލައިލިއިރު ގުޅަނީ، ފަޒުލާއާ އެއް ކުލާހުގައި އުޅޭ ނަޝާތެވެ. ނަޝާތަކީ އެ ކުލާހުގައި އުޅޭ ފިރިހެން ކުދިންގެ ތެރެއިން ފަޒުލާ އެންމެ ރައްޓެހިކޮށް އުޅޭ ކުއްޖާއެވެ.
“ރަމަޟާން ކަރީމް! ރޯދަމަސް ކިހިނެއް ދަނީ؟” ފަޒުލާ ފޯނު ނެގުމާއެކު ނަޝާތު ވާހަކަ ފެށިއެވެ.
“ކިހިނެއް ދާނީ؟ އެހެން މިހެން މިއޮތް ދަނީ.” “ބީން ބޭގް”ގައި ފަޒުލާ ޖައްސާލިއެވެ.
“އެނގޭތަ؟ އެއްކަލަ ޖުނައިދު ކޮވިޑަށް ފައްސިވެއްޖެއެއްނު.” ޖުނޭދަކީ އެ ކުލާހުގައި އުޅޭ ކުއްޖެކެވެ.
“ފައްސިވީއޭ؟ އެއީ ކޯޗެއް؟” ފައްސިވުމަކީ ކޮބައިކަމެއް ފަޒުލާއަކަށް ނޭނގުނެވެ.
“ފައްސި ނޭނގޭތަ؟ އެއީ ޕޮޒިޓިވް.”
“ޖުނޭދު ޕޮޒިޓިވްވީ؟” ފަޒުލާގެ ދެ ލޯ ބޮޑުވިއެވެ. “ދެން މިހާރު ކޮބާ؟”
“ގެންގޮއްސި ވެލިދޫ ފެސިލިޓީއަށް. މިއަދު މަ ގުޅައިލިން. ވަރަށް ހަމަޖެހިފަ ހުރީ. އެއްވެސް ޢަލާމާލެއް ވެސް ނެތޯ.”
“ނަސީބެއްނު!” ފަޒުލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފަޒުލާގެ ހިތަށް ހަމަޖެހުން ލިބުނެވެ. “ކީއްވެ އޭނަ ޕޮޒިޓިވްވީ؟”
“އިޖުތިމާޢީ ގައިދުރުކަން ނުބެހެއްޓޭތީ ވާގޮތް.”
“ކޮން ފާޑަކަށްތަ ތި ވާހަކަ ދައްކަނީ؟” މި ފަހަރު ވެސް ނަޝާތު ބުނި އެއްޗެއް ފަޒުލާއަކަށް ރަނގަޅަކަށް މޭރުމެއް ނުވިއެވެ.
“މި ވަބާއާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީއިން ހަދާފަ ހުރި ދިވެހި ލަފުޒު މި ބޭނުންކުރަނީ. މި ގޮތަށް އުފައްދާ ލަފުޒުތައް ވާހަކަ ދައްކާއިރު ވެސް ބޭނުންކުރީމައެއްނު ފަރިތަވާނީ.”
“އާނ! އެއްކަލަ ދިވެހި ކުއްޖާ ދޯ މީ.” ފަޒުލާ ގާތަށް ހިނިއައެވެ. “ކޮބައިތަ ދެން ތި ލަފުޒުގެ މާނައަކީ؟”
“ސޯޝަލް ޑިސްޓެންސް. ދަސްކޮށްބަލަ! ޓެސްޓުގަ މި ވަބާއާ ގުޅޭގޮތުން މަޒުމޫނެއް އެއްޗެއް ލިޔަން ޖެހުނަސް، މި ލަފުޒުތައް ދަސްވެފަ ހުރިއްޔާ ދޯ ރަނގަޅަށް ލިޔެވޭނީ.” ނަޝާތަކީ އެ ކުލާހުގައި އުޅޭ ދިވެހި ބަހުގެ ފެންވަރު އެންމެ ރަނގަޅު އެއް ކުއްޖެކެވެ. ދިވެހި ބަހަށް ނުހަނު ލޯބި ކުރާ ކުއްޖެކެވެ. އެހެންކަމުން ބައެއް ކުދިން ސަމާސާއަށް އޭނާއާ ދިމާކޮށް ވެސް ހަދައެވެ. ދިވެހިބަހުގެ އުސްތާޒުންގެ ނަންނަމުން މުޚާތަބުކޮށް ވެސް ހަދައެވެ. ނަޝާތަށް އެ ކަން ވަނީ މަޖަލަކަށެވެ.
“ތި ބުނާ ލަފުޒުތައް ކިޔައިދީ ބަލަ! އޭރުންތާ މަށަށް ވެސް ދަސްވާނީ.”
ނަޝާތުގެ ހަނދާނުގައި ހުރި ހުރިހައި ލަފުޒެއް އޭނާ ފަޒުލާއަށް ކިޔައިދިނެވެ. ފަޒުލާ އެ ލަފުޒުތައް މާނައާއެކު ނޯޓު ކުރިއެވެ. ނަޝާތުގެ ބަސް އަހައިގެން ވާހަކަ ދެއްކުމުގައި އެ ލަފުޒުތައް ބޭނުންކުރުމަށެވެ. ލިޔާ ލިޔުންތަކުގައި ވެސް ބޭނުންކުރުމަށެވެ. ޓެސްޓުގެ ނަތީޖާ ރަނގަޅުކުރުމަކީ އަބަދުވެސް ފަޒުލާ ބޭނުންވާ ކަމެކެވެ.
ނަޝާތާއި ފަޒުލާ އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. މައިގަނޑު ވާހަކައަށް ދެކެވުނީ އިސްކޫލުގެ ވާހަކައެވެ. ކިޔެވުން ނެތި ދުވަސްތައް ހޭދަވަމުން ދާތީ އެ ކަމާ ކަންބޮޑުވާ ވާހަކައެކެވެ. ކިޔެވުން ފެށޭނެ ދުވަހެއް ވެސް އަދި ނޭނގޭތީ އެ ވާހަކަ ވެސް މެއެވެ.
“ޓެލިކުލާސްތައް ވަރަށް އަވަހަށް ފެށޭ ވާހަކަ، ކުލާސް ވައިބަރ ގުރޫޕުގައި އެބަ އޮތް ޖަހާފަ.” ނަޝާތު ބުންޏެވެ.
“އާނ، ކުރީ ދުވަހަކު ބިޝާ ވެސް ދެއްކި ތި ވާހަކަ.”
“ތިހެން ބުނީމަ މި ހަނދާންވީ. ކޮބައިތަ ބިޝާރާގެ ހާލަކީ؟”
ބިޝާރާ ހުރީ ބަދިގޭގައި ރޮށިފިހާށެވެ. ސިޓިންރޫމާ އެއް އިންވެގެން ހުރި ބަދިގޭގައި ރޯދަވީއްލަން ތައްޔާރުކުރާ ކާތަކެތީގެ ވަހުން ގޭތެރެ ވަނީ އެއްވަސްވެފައެވެ. ރޯދައަށް ތިބޭއިރު، ކާތަކެތީގެ މި ފަދަ މީރުވަހުން ލިބޭ ނަފުސާނީ ހިތްހަމަޖެހުން ގޭގެ އެންމެންނަށް ވެސް އަންނަނީ ލިބެމުންނެވެ.
ބިޝާރާގެ މަންމަ މަރީނާ ހުރީ ކާ މޭޒުދޮށުގައި، މަތިޖެހި ކުޑަ ތިން ތަށި ކައިރިކޮށްލައިގެން، އެއަށް ކައި އެއްޗެހި އަޅާށެވެ. އެއް ތައްޓަށް އެޅީ ކުޅިމަހެވެ. އަނެއް ތަށްޓަށް ފަސް ފޮތި ރޯސްޕާން ލިއެވެ. އަނެއް ތަށްޓަށް ހަވާދުލީ ބިހުގެ ހައެއްކަ ބިސްލިއެވެ. ފިރާޤަށް އެ ތަނަށް އާދެވުނީ ތަށިތަކުގެ މަތި ޖަހަނިކޮށެވެ.
“ތިޔޯ؟ މިއަދު ވެސް؟” ފިރާޤަށް އަހައިލެވުނެވެ.
“އެ ގެއިން ވެސް ފޮނުވައިފިޔޭ! ފޮނުވީމަ ނުކެރޭނެ ދޯ!” ފިރާޤުގެ މޫނަށް މަރީނާ ބަލައިލިއެވެ.
“ތިއޭ މައްސަލައަކީ. އެއްވެސް ގެއަކުން އަނެއް ގެއަށް ތަށިބަރި ވެސް ނުފޮނުވާށޭ ޑޮކްޓަރުން އެ ކިޔަނީ. އެކަމަކު މަރީނާމެން އެއް ދުވަހުން އަނެއް ދުވަހަށް ތި ކުރަނީ ފޯރި ގަދަ. މިއަދު ތި ތައްޔާރުކޮށްލީ ތިން ތަށި.” އެއްތާވި މީހަކަށް ވީ ފަހުން ފިރާޤު އުޅެނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އެ ކަމާ ގުޅިގެން ފިރާޤަށް އައި އެންމެ ހެޔޮ ބަދަލަކީ، ސިގިރެޓް ބުއިން ހުއްޓާލުމެވެ.
“މި ދެން އެއް އިމާރާތެއްނު. އިރާދަކުރެއްވިއްޔާ މީހަކަށް އެއްޗެއް ދީގެން ދެރަ ގޮތެއް ނުވާނެ!”
“މި ރޭ ޚަދީޖާއަށް ގުޅާފަ ބުނާނަން މި ގެއަށް ދެން ތަށިބަރި ނުފޮނުވައްޗޭ!” ފިރާޤު ހިނިތުންވެލަމުން މޭޒުކައިރީގައި ހުރި ގޮނޑި ދަމާލައިފައި އިށީންނިއެވެ. “ހާޓް އެޓޭކެއް ޖެހިގެން ރޭ ދަންވަރު ރަށުން ގެނައި މީހަކު ޕޮޒިޓިވްވި ވާހަކަ މަ ބުނީމެއްނު. އެ މީހާ މިހާރު ނެގެޓިވް ކަމަށް ބުނެފި.” ފިރާޤަކީ އައްޑުއަތޮޅު ހިތަދޫ މީހެކެވެ. އެ ބުނާ މީހާއަކީ ހިތަދޫގައި ދިރިއުޅޭ މަރަދޫފޭދޫ މީހެކެވެ. އެއީ ފިރާޤު ދަންނަ މީހެއްކަމަށް ނުވިޔަސް، އެ މީހާ ފައްސިވި ވާހަކަ އިވިފައި ފިރާޤު ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް މިހާރު އޭނާގެ މޫނުމަތިން އެ ނުތަވަސްކަން ވަނީ ފިލާފައެވެ.
އައްޑޫން ކޮވިޑް-19 އަށް ފުރަތަމަ ފައްސިވީ ރިސޯޓެއްގައި ހުރެފައި މާޗް 30 ގައި އައްޑުއަށް ދިޔަ މީހެކެވެ. މި ވޭދަނައާ ގުޅިގެން، އައްޑޫ 14 ދުވަހަށް ފުރަބަންދުކޮށް އެއްތާވި މީހުން ހޯދަންފެށިއެވެ. އެގޮތުން 26 މީހަކާ އޭނާއާ ބައްދަލުވިކަން އޭރު ފާހަގަކުރެވުނެވެ. އެ ފަހަރު ވެސް ފިރާޤު ހުރީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައެވެ. އޭނާގެ ޢާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ހިތަދުއާއި އައްޑުއަތޮޅު އެހެން ރަށްރަށުގައި ވެސް އުޅޭތީއެވެ.
“ވާނުވާއެއް އެބަ އެނގޭ؟” ފިރާޤު ބުނި އެއްޗަކުން މަރީނާއަށް ޗޮކެއް ކަނޑާލެވުނެވެ.
“މީގެ ކުރިން ވެސް ބައެއް މީހުންނަށް މިހެން ދިމާވެއްޖެ.”
“އެއް ފަހަރު ޕޮޒިޓިވްވެފަ އަނެއް ފަހަރު ނެގެޓިވް ވަނީ؟”
“އާނ! ބައެއް މީހުން ފުރަތަމަ ފަހަރު ޕޮޒިޓިވް ވެފަ، ދެވަނަ ފަހަރު ނެގެޓިވް ވެފައި ތިންވަނަ ފަހަރު ޕޮޒިޓިވް ވެފައި ވެސް އެބަހުރި. މި ބުނީ ހަމަ ކުޑައިރުކޮޅެއް ފަހުން ޓެސްޓުކުރާއިރު ވާ ގޮތް.”
“އެހެންވީމަ ތި ޓެސްޓަކަށް ނެތެއްނު އެއްވެސް އިތުބާރެއް. ދެން އައްޑުއަތޮޅުގެ ލޮކްޑައުން މިހާރު އުވާލީތަ؟”
“އެހެންވެއެއްނު މިހައި ހިނިއައިސްފަ މި ހުރެވެނީ.” ފިރާޤުގެ މޫނުމަތިން އުފާވެރިކަން މަރީނާއަށް ފާހަގަކުރެވުނެވެ.
އެ ވަގުތު މަރީނާގެ ނޭފަތުގައި ޖެހުނީ ރޮށި އަނދާވަހެވެ. އޭނާއަށް ފަހަތަށް އެނބުރި، ރޮށިފިހަން ހުރި ބިޝާރާއާ ދިމާއަށް ބަލައިލެވުނެވެ. ބިޝާރާ ހުރީ ތަވާ މައްޗަށް ރޮށި ލައިގެން، ރޮށިފިހާއެތި ހިފައިގެން ކަމަކަށް ގެއްލި، ހުއްޓުން އަރާފައެވެ. އޭރު ތަވާމަތީގައި އޮތް ރޮށިން ދުން އަރައެވެ. މި މަންޒަރު ފެނިފައި މަރީނާއަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ.
“ދަރިފުޅާ ބިޝާރާ!”
މަންމަގެ އަޑަށް ބިޝާރާ ސިހުނެވެ. ތަވާމަތީގައި އޮތް ރޮށްޓާ ދިމާއަށް ތެޅިގެންފައި ބަލައިލެވުނެވެ. ފެނުނު މަންޒަރުން އަވަސް އަވަހަށް ރޮށި ފުށުންޖެހުނެވެ. އޭރު ރޮށި އޮތީ އަނދައި ބޮލިކައިފައެވެ.
“ދަރިފުޅަށް މިހާރު ކިހިނެއްތަ ތި ވަނީ؟” ބިޝާރާގެ އަތުގައި އޮތް ރޮށިފިހާއެތި އަތުލަމުން މަރީނާއަށް ބުނެވުނެވެ.
“ބުޅި ކެނޑޭނީ ކެޔޮޅުންގެ އަތުންނޭ މަރީނާ! އެހެންނޫނަސް ރޯދަމަހު އިރުއޮއްސޭ ވަގުތު ތިކަހަލަ ކަންކަން ނުހިނގަންޏާ ރޯދަމަސް ވައްތަރެއް ވެސް ނުޖަހާނެ.” ފިރާޤު އައިސް އުނދުން މަތީގައި އޮތް ކަޅުކުލައިގެ ރޮށްޓަށް ބަލައިލަމުން ބިޝާރާ ގަޔާ ކައިރިކޮށްލިއެވެ. “މަރީނާ ނިކަން އެ މަންޖެ ފިހެފަ ހުރި ރޮށިތައް ގުނައިލަބަލަ! މަށަށް ޔަޤީން ވިއްސަކަށް ރޮށި އޮންނާނެކަން. އެންމެ ރޮށްޓެއްނު އެނދީ. އެހެން ވެދާނެ!”
“އެއްޗެއް ނުބުނެވޭވަރެއް ނޫނޭ! ކުރީ ދުވަހު އޭނަގާތު ކޮއްކޮގެ ގަމީހެއް އިސްތިރިކޮށްދޭށޭ ބުނީމަ، ލަސްވެގެން މަ ގޮސް ބެލިއިރު ހުރީ ކަރަންޓަށް އިސްތިރި ނުޖަހާ އިސްތިރިކުރަން.” މަރީނާ ހުރީ ހިނިއައިސްފައެވެ. “ކުރީ ރެއަކު ރިހަކޮޅު ހޫނުކޮށްލަން ބުނީމަ އައިސް ހުރީ އުނދުން ނިވާނުލައި. މަށަށް ފެނުނުކަމުން ސަލާމަތްވީ.” ރޮށިފިހަން ހުރެ މަރީނާ ވާހަކަދައްކަމުން ގެންދިޔައެވެ. މަންމަ ވާހަކަ ދައްކަމުން ދިޔައިރު، ބިޝާރާ އަނގައިން ވެސް ނުބުނެ، ލަދުރަކި ގޮތަކަށް ހިނިއައިސްފައި ހުއްޓެވެ.
“އެ ވަރުގެ ކަމެއް ވެދާނެ މަރީނާ! ކުރީ ދުވަހު ރައްޓެއްސަކު ގުޅާފަ ބުނި، މާސްކު ނާޅާ އޭނާއަށް ފިހާރައަކަށް ދެވުނު ވާހަކަ. ފިހަރައިގައި އުޅޭ ކުއްޖަކު ބުނީމަޔޯ ހަނދާންވީ.”
“ފިހާރައޭ ބުނީމަ މި ހަނދާންވީ.” މަރީނާ ހޭންފެށިއެވެ. “އެނގޭތަ އަދި އިއްޔެ މީނަ ކުރިކަމެއް؟” މަރީނާ ހޭވަރުން، ފިރާޤު ވެސް ހުރީ ހިނިއައިސްފައެވެ. “އޯޑަރުކުރި އެއްޗެހި އައުން ލަސްވެގެން ބަދީޢުގާތު ފިހާރައަށް ގޮސްދޭށޭ ބުނުމުން މީނަވެސް ވެއްޖެ ދާން. ބަދީޢު ބުނީ، އެއްޗެހި ނަގައިގެން ކައުންޓަރު ކައިރިއަށް ގޮސް ސޭޓުއަތަށް ކޭޝްކާޑު ދިނީމަ ސޭޓު ކޭޝްކާޑު މެޝިނަށް ހަމަ ޖަހާއިރަށް މީނަ ގޮސް ޕިން ޖަހާލައިފިޔޯ. ތިމަންނައަށް ހުރެވުނީ ވާނުވާ ނޭނގިފައޯ. ތިމަންނަ އަހައިފީމޯ ކޮއްކޮއަށް އެނގޭހޭ ދޮންބެގެ ޕިން ނަންބަރު” މަރީނާއަށް ހެވޭ ވަރުން ރަނގަޅަށް ވާހަކަ ނުވެސް ދެއްކެއެވެ.
“ދެން މަންމާ!” ބިޝާރާ ހިނިއައިސްފައި ހުރެ ގޮސް މަންމަގެ ގައިގައި ބެއްދިއެވެ. “މަ ހީކުރީ މަގޭ ކާޑު ކަމަށޭ ޖެހީ!”
ވީ ގޮތް ފިރާޤަށް އެނގުނީ ދެނެވެ. ފިރާޤު ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ދޮންބެގެ ކާޑު ޖެހީމަ ދަރިފުޅު ގޮސް ދަރިފުޅުގެ ކާޑުގެ ޕިން ޖަހައިލީ؟”
“ސޭޓު ވެސް ހީނހީނ ހުރީ ލޮލުން ކަރުނަ ހިލިފަޔޯ.” މަދީހާ ލޯ ފޮހެލިއެވެ. ބިޝާރާ މަންމަގެ ކޮނޑުގައި ބޯ ޖަހައިގެން ހުއްޓެވެ.
އެއީ ކުރިން ބިޝާރާއަށް ވާ ގޮތްތަކެއް ނޫނެވެ. ރޯދަމަސް ވެފައި، ގިނަ ދުވަހު ގެއިން ނުނިކުމެ ތިބެންވީމާ ވާ ގޮތްކަމަށް ފިރާޤާއި މަރީނާއަށް ހީކުރެވުނަސް، ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. ޙަޤީޤީ ސަބަބު ބިޝާރާއަށް އެނގެއެވެ. އެ ވާހަކަ ދައްކާ ވަގުތު، މަންމަމެންގެ ކުރިމަތީގައި ހެމުން ގެންދިޔަސް، އޭނާ ދެރަވެއެވެ.
މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ނިދާބޮކީގެ ފަނޑު ފެހި އަލިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ކޮޓަރިތެރޭގައި އެއްޗެހިތައް އެއްވެސް ތަރުތީބެއް ނެތް ގޮތަކަށް ހުރިއިރު، ފަންގިފިލާގައި ހަރުކޮށްފައި ހުރި ފަންކާ އެނބުރޭ އަޑާއި މަޑުމަޑު ގުގުރިއެއްގެ އަޑު ފިޔަވައި، އިތުރު އަޑެއް ކޮޓަރިއަކު ނެތެވެ. އެނދުމަތީގައި ގަދަނިދީގައި ތިބި އަހުސަނާއި ނަބީލާ ފެންނަނީ ދެ ހިޔަނީގެ ސިފައިގައެވެ. އެނދުގެ ބިތްދޮށުގައި ފާރާދިމާއަށް މޫނުލައިގެން ނަބީލާ އޮތްއިރު، އަހުސަނު އޮތީ ނަބީލާގެ މަގަތުގައި ޖެހިފިތިގެން ކަހަލަ ގޮތަކަށެވެ. އެއް އަތް އޮތީ ނަބީލާގެ ގައިމައްޗަށް ވައްޓާލެވިފައެވެ.
އަހުސަނަށް ނިދުނީ ދާދި ދެންމެއަކުއެވެ. ނަބީލާ ހަމައަކަށް އެޅުމުން ބަދިގެއަށް ވަދެ ހާރަށް އެއްޗެއް ތައްޔާރުކޮށްފައި އައިސް، ފޯނު އެލާމްކޮށްފައި އޭނާ އޮށޯތީ އެކެއް ޖެހިފަހުންނެވެ. ނަބީލާގެ ކަންތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ފުރަބަންދުގައި މާލެ އޮތަސް މި ކަމަށް މަސައްކަތް ނުފަށާ ދެން ވާކަށް ނެތެވެ.
ނަބީލާގެ ހަށިގަނޑަށް ކުޑަ ހަރަކާތެއް އަތުވެއްޖެއެވެ. ބިތްދޮށަށް އެނބުރިގެން އޮވެފައި އުޑުތުލަމައްޗަށް ޖެހުނެވެ. އޭރު އޭނާގެ ކަޅި ހުއްޓިފައި ހުރީ ފަންގިފިލާއާ ދިމާއަށެވެ. ދެ ލޯ ބޮޑުވެ ވާންވެފައެވެ. އެސްފިޔައެއް ނުޖަހައެވެ.
އިރުކޮޅަކު އެގޮތަށް މައްޗަށް ބަލަން އޮވެފައި، އޭނާގެ ގައިމަތީގައި އޮތް އަހުސަނުގެ އަތް މަޑުމަޑުން ނަގައި އެއް ފަރާތުގައި ބާއްވައިފިއެވެ. އެއާއެކު ހެދި ނުހެދިއެއް ނޭނގި ކުއްލިއަކަށް އެނދުން ފުންމާލައިފިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ފަންގިފިލާއާ ދިމާއަށެވެ.
ނަބީލާ ހިނގައިގަތީ ކޮޓަރީން ނިކުންނަން ހުންނަ ދޮރާ ދިމާއަށެވެ. އެއްކައްޓަކަށް ހުރެ، އެދިޔަ ގޮތަށް ގޮސް ވަރަށް ފަސޭހަކަމާއެކު ދޮރު ހުޅުވާލައިފިއެވެ. ބޭރަށް ނިކުމެއްޖެއެވެ. ބުރުގާ އަޅައި ވަރަށް ރަގަޅަށް ހަށިގަނޑު ނިވާކޮށްގެން ހުންނަ ނަބީލާ މި ވަގުތު އެ ހުރީ ކަކުލުން ތިރިއަށް ހުންނަވަރުގެ އަތްކުރު ނިދާ ހެދުމެއްގައެވެ.
ނުނިމޭ