"ހުޅަނގު ކަނޑުގައި "އަންހެނުންގެ ގައުމޭ" ބުނެވޭ ތަނެއް އޮވެ އެވެ. އެތާނގެ ކޮންމެ ފަސް ފިރިހެނަކަށް ތިން އަންހެނުން އުޅެ އެވެ. އެ ގައުމު ހިންގަވަނީ ރަނިކަމަނާ އެކެވެ. ހުރިހާ ސިވިލް މަގާމުތަކުގައި ތިބެނީ ވެސް އަންހެނުންނެވެ.
ފިރިހެނުން އަދާކުރަނީ ސިފައިންގެ މަސައްކަތެވެ. މާތް އަންހެނުން ފިރިހެނުންގެ އެތައް ބަޔަކު ވެއިޓިން ލިސްޓުގައި ގެންގުޅެ އެވެ. ފިރިހެނުންނަކަށް ޚާދިމާއިންނެއް ނުގެންގުޅެވެ އެވެ. އަންހެނަކަށް ދަރިއަކު ލިބިއްޖެ ނަމަ އެ ދަރިފުޅު ނިސްބަތް ކުރަނީ މައި މީހާ އަށެވެ."
މަތީގައިވާ ލިޔުންކޮޅަކީ މީލާދީން ތޭރަ ވަނަ ގަރުނުގެ ކުރީ ކޮޅު ޗައިނާގެ ދަތުރުވެރިއަކު ލިޔުނު ލިޔުމެއްގައި ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި ލިއުން ކޮޅެއްގެ ބައެކެވެ. އެ ލިޔުމުގެ ދިވެހި ތަރުޖަމާ ފަތްތޫރައިގައި ލިއުއްވި މަރުހޫމު އިބްރާހިމް މުހަންމަދު ލުތުފީ ވިދާޅުވާ ގޮތުގައި ދިވެހި ރާއްޖެއާ ބެހޭ ގޮތުން ލިޔުމުގެ ކުރިން ލިޔުންތެރިޔާ ލިޔެފައި އޮތީ އިންޑޮނޭޝިޔާގެ ވާހަކަ އެވެ.
ރާއްޖެއަށް "އަންހެނުންގެ ރާއްޖޭ"ގެ ނަމުގައި ޗައިނާގެ އެހެން ލިޔުންތެރިއަކު ވެސް ލިޔެފައިވެ އެވެ. މީލާދީން 732 ން 812 އާ ދެމެދު އުޅުނު ސިޔާސީ ލިޔުންތެރިއެއް ކަމަށްވާ ޑޫ ޔޫ އަންހެނުންގެ ރާއްޖެ އާ ބެހޭގޮތުން ލިޔެފައިވާ ލިޔުމުގައި، އެ ރާއްޖެއާއި ޗައިނާ އާ ދެމެދުގައި ގުޅުން އޮންނަކަމުގައި ލިއުމަށްފަހު ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި އޮތެވެ.
"އެ ރާއްޖޭގައި އިންނަވަނީ ރާނީ އެކެވެ. އެކަމަނާގެ ނަންފުޅަކީ ސޫޕީ އެވެ. އެކަމަނާގެ ފިރިކަލުންގެ ނަންފުޅަކީ ޖިޖޫ އެވެ. ރަނި ކަމަނާގެ ފިރިކަލުންނަކީ ރަސްކަން ހިންގެވުމާ ބެހި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރަށުގެ ފިރިހެނުންގެ ވަޖިބަކީ މިލިޓަރީ ގޮތުން ރަށް ދިފާއު ކުރުމެވެ."
ޗައިނާގެ ދެ ލިޔުންތެރިންގެ ލިޔުން ވެސް އެއީ ރާއްޖެ އިސްލާމްވުމުގެ މާ ކުރީގެ ވާހަކަތަކެވެ. އެ ޒަމާނުގެ ރާއްޖެއާ ބެހޭ ވާހަކަ ދިވެހި ތާރީޚަކުން އެނގޭކަށް ނެތެވެ.
ރާއްޖޭގެ ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި މަރުހޫމު މުހައްމަދު އިބްރާހިމް ލުތުފީ މަތީގައިވާ ވާހަކަކޮޅުތަކުގައި ރާއްޖެ ސިފަ ކޮށްދީފައި ވާގޮތާމެދު ވިދާޅުވެފައި ވަނީ ރާއްޖެ އިސްލާމްވުމުގެ މާކުރިން ވެސް ރާއްޖޭގައި ރަސްކަމެއް އޮތްކަމާއި ގިނަ އަދަދަކަށް އަންހެނުން ތަޚުތުގައި ރެދަލި ކުރެއްވިކަން އެނގެން އޮންނަ ކަމަށެވެ.
ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ރާއްޖެ އިސްލާމްވުމާ ހަމަޔަށް ވެސް ވެރިކަން ވާރުތަވަމުން އައިސްފައި އޮތީ މައިފުށަށެވެ. އެހެންކަމުން އެކި ޒަމާނުގެ ލިޔުންތެރިން ރާއްޖެއަށް އަންހެނުންގެ ރާއްޖެއޭ ކިޔައި ނަން ދިނުމުގައި ކޮންމެ ވެސް ހަގީގަތެއްވާ ކަމަށް ފެނެ އެވެ.