ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއިން ސިންގަޕޫރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި ސިންގަޕޫރާއެކު ސޮއިކުރި މި އެއްބަސްވުމަކީ ޓްރާސްޕޯޓް ކޯޕަރޭޝަން، އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަނާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އަދި މިނިސްޓަރު އިންޗާޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަން އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މަގުމަތީގެ ޓްރެފިކް މެނޭޖްކުރުމާއި، މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަދި ސިންގަޕޫރުގެ މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން ވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.