ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިން ލެބޯޓްރީން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓުކޮށްފި އެވެ.

ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި މި ލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައި ވަނީ އެމްއޭސީއެލްއިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ.

އެސްޓީއޯއިން މި ލެބް ގާއިމްކުރުމުގެ ކުރިން ރާއްޖެއަށް ގެންނަ ތެޔޮ ޓެސްޓު ކުރަން ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށެވެ. ނަމަވެސް މި ލެބް ގާއިމުކުރުމުން އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެނައުމުން ރި ޓެސްޓްކުރުމަށް، ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާކަށް ނުޖެހޭނެ އެވެ.

އެސްޓީއޯއިން ޚަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓުންނެވެ. މީގެ އިތުރުން، މި ލެބޯޓްރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރަމީޓާސްތައް ވެސް ޓެސްޓް ކުރެވޭނެ އެވެ.

އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިން ލެބޯޓްރީގައި ޓެސްޓްތަކެއް ހަދަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ފިއުލް ލެބަކީ ދުނިޔޭގެ އެންމެ ޒަމާނީ މެޝިންތަކާއި ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ ލެބެކެވެ.

މި ލެބުން ދޫކުރާ ޓެސްޓު ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިފަދަ ލެބޯޓްރީއެއް އެސްޓީއޯއިން ޚަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެ އެވެ.