ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޅ. ނައިފަރަށާއި ކުރެންދޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން މިއަދު ކުރެންދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައި ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވަނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ކައުންސިލް ރައީސް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށެވެ. ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އިސްމާއިލް މަދީހު އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކުރެންދޫއަށް ފަހު ރައީސް ޔާމީން މިއަދު ޅ. ނައިފަރަށް މިއަދު ހަވީރު ވަޑައިގަންނަވާނެ އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން މިއަދު ހަވީރު ނައިފަރުގައި ބާއްވާ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުތައް ކުރައްވަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.