އޭސް ހާޑްވެއާގެ އާ ފިހާރައެއް މަޖީދީމަގުގައި، ގަލޮޅު އަލިކިލޭގެ ފާނުމަގަށްވާ ކަންމަތީގައި، ހުޅުވައިފި އެވެ.

"އޭސް ހޯމް ސެންޓަރު" ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި މި ފިހާރައަކީ އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ އެވެ.

އޭސް ހާޑްވެއާގެ ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މި ފިހާރަ، ރަސްމީކޮށް ހުޅުއްވައިދެއްވީ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދު އެވެ.

ހަތަރު ފަންގިފިލާ ހިމެނޭ މި ފިހާރައިން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ މުޅިން އާ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ އެވެ. އޭގެތެރެއިން "ބެޑިންގެ" މުޅިން އާ ލައިނެއް ހިމެނެ އެވެ.

ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މި ފިހާރާގައި ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެ އެވެ. އަދި ގޭތެރެ ސާފުކުރާ ސާމާނާއި އިންސެކްޓިސައިޑްގެ ގިނަ ބާވަތްތައް ވެސް ހިމެނެ އެވެ.

މަޖީދީމަގުގައި އަލަށް ހުޅުވި އޭސް ހާޑްވެއާގެ ހޯމް ސެންޓަރުން ބަޔަކު ވިޔަފާރިކުރަނީ. ފޮޓޯ: ކޯ ލޯޑް މޯލްޑިވްސް

މީގެ އިތުރުން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއްގައި ލިބެން ހުންނާނެ އެވެ.

އޭސް ހާޑްވެއާގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވީ ޑިސެމްބަރު 15، 2011 ގަ އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް އާ ގުޅިގެން ފެށި ވިޔަފާރި އެކެވެ.

މަޖީދީމަގުގައި އަލަށް ހުޅުވި އޭސް ހާޑްވެއާގެ ހޯމް ސެންޓަރު. ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު މިތަނުން ލިބެން ހުރޭ. ފޮޓޯ: ކޯ ލޯޑް މޯލްޑިވްސް

މި ފިހާރައަކީ މުޅި ދެކުނު އޭޝިއާގައި އޭސް ފްރެންޗައިސްގެ ފުރަތަމަ ފިހާރަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން، ޑިސެމްބަރު 19، 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރު ބޯޅަ ދަނޑު ކައިރީގައި ހުޅުވި އެވެ.