އިންޑިއާއިން ރާއްޖެ އެތެރެކުރި ގަސް ކާނާ ޝިޕްމަންޓަކުން 17 ކިލޯގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މިފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 13.6 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި އެ ތަކެއްޗަކީ އިންޑިއާގެ ޓްރިވެންޑްރަމުން އައިސްފައިވާ އެއާކާގޯގެ ޝިޕްމަންޓަކުން ފެނިގައިވާ ތަކެއްޗެވެ.

އެގޮތުން ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އެ ޝިޕްމެންޓް ބަލައި ފާސްކޮށްފައިވާއިރު، ޝިޕްމަންޓުގައި ހުރީ ގަސްކާނާގެ ބާވަތެއް ކަމަށްވާ "އޯގަނިކް ފާޓިލައިޒާ" އެވެ. އެތަކެތި ޕެކެޓްތަކެއްގައި ބަންދުކޮށްފައިވާއިރު، ޕެކެޓްތަކުގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، އެ ސާވިސްއިން އަތުލައިގަތް ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ސާވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

ރާއްޖެ އެތެރެކުރެވާ ތަކެތީގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިންނާއި، ބިދޭސީން އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ކަސްޓަމްސްއިން ދޭތެރެއިން މަސްތުވާތަކެތީގެ މައްސަލައިގައި މީހުން ހައްޔަރުކުރެ އެވެ.