ފުލުހަކު މާލޭގެ މަގުމަތީގައި، ވަގެއް އަތުލަން ދުވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބެން ފަށައިފި އެވެ.

އެއް މިނެޓާއި 49 ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ވައްކަންކުރި މީހަކު މާލޭގެ މަގުމަތީގައި ދުވާ ތަނެވެ. އަދި ވައްކަންކުރި މީހާގެ ފަހަތުން، ފުލުސް މީހާ ވެސް ދުވެފައިދާ މަންޒަރު އެ ފުޓޭޖުން ފެނެ އެވެ.

އޭގެ އިތުރުން އެ މީހާ ގެއަކަށް ވަދެ އެގޭގެ ސިޑިމަތިން ބާރަށް ދުވެފައިދާތަން އެ ވީޑިއޯއިން ފެނިގެން ދެ އެވެ. އަދި އޭނާގެ ފަހަތުން ފުލުސް މީހާ ވެސް ދުވެފައި ގޮސް ސިޑިމަތިން އޭނާ އަތުލައި، ގިރުވާނުގައި ހިފައިގެން ސިޑިން ބާލައިގެން ގެންދާ މަންޒަރު ވެސް ފެނެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ވައްކަން ކުރި ކަމަށް ބެލެވޭ މީހާގެ ފަހަތުން ހުށިޔާރުކަމާއެކު ދުވި ފުލުސް މީހާއަށް ތައުރީފުކޮށްފަ އެވެ.

ނަމަވެސް މި ވީޑިއޯއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.