ފުވައްމުލަކު ބަނދަރާއި އެ ރަށު އެއާޕޯޓު ބޮޑުކުރަން ސާވޭކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ބަނދަރަކީ 9.5 މިލިއަން ޔޫރޯ ހަރަދުކޮށްގެން 2003 ވަނަ އަހަރު ހުޅުވި ބަނދަރެކެވެ. މިއީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް އެންމެ އަގު ބޮޑު ބަނދަރެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ތަރައްގީކޮށް ބޭނުންކުރަން ފެށި ފުވައްމުލަކު އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ކުރު ރަންވޭ އޮންނަ އެއާޕޯޓެވެ. އެ އެއާޕޯޓުގެ ރަންވޭ ހަދާފައި ވަނީ 1،100 މީޓަރަށެވެ.

ރައީސް ސޯލިހު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ އެ ރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އިއުލާން ކުރައްވައިފަ އެވެ.

މި މާހެފުމުގައި ރައީސްގެ ދެ ކަނބަލުންގެ އަރިހުގައި، ފުވައްމުލަކަށް ނިސްބަތްވާ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް މިރޭ އިއުލާންކުރެއްވި އާ މަޝްރޫއުތައް:

  1. އެއާޕޯޓް މިހާރަށްވުރެ ބޮޑުކުރުން: އެ ރަށު އެއާޕޯޓު ބޮޑުކުރަން ސިޓީ ކައުންސިލުން ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި، އެ ސާވޭއަށްފަހު އެއާޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއާޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައި.
  2. 400 ހައުސިން ޔުނިޓް އެޅުން: އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގެ މަރުޙަލާގައިވާ 200 ހައުސިން ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރިޔަށް ގެންދިއުން
  3. ފުވައްމުލަކު މަގުހެދުމުގެ ދެވަނަ ފިޔަވަހި ފެށުން: ފުވައްމުލަކުގައި މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާ ގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސް އިއުލާންކުރެއްވި.
  4. ފުވައްމުލަކުގައި ހަދާ ހޮސްޕިޓަލުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕެޝަލިޓީ ޚިދުމަތްތައް ތައާރަފުކުރުން: އެރަށުގައި ތަރައްގީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްގީކުރާއިރު އެތަނުގައި ޚާއްސަ ޚިދުމަތްތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕެޝަލިޓީ ޚިދުމަތްތައް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި.
  5. ފުވައްމުލަކު ބަނދަރު ބޮޑުކުރުން: އެ ރަށުގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި.

މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި، ފުވައްމުލަކުގައި ފަތާފެންގަޑެއް ތަރައްގީކުރުމާއި، އެރަށުގެ ތަރައްގީއަށް ކުރިޔަށް ރޭވިފައިވާ ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފުސީލުތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

ރައީސް ސޯލިހުގެ ދެ ކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގައި ރައީސް އާއި ނައިބު ރައީސް އަދި ފުވައްމުލަކުގެ މޭޔަރު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ސޯލިހު ދެ ކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވި އެވެ. އަދި، ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާސިލުކޮށްދެވޭގޮތަށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެެވެ.

މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށާއި، ޚާއްސަކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ދެ ކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސް ފުވައްމުލަކަށް ވަޑައިގެންފައި މި ވަނީ ރައީސްގެ ދެ ކަނބަލުން ފުވައްމުލަކާއި އައްޑުއަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.