އެމެރިކާގެ ރިޔާސީ އިންތިިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ރައީސް ޑޮނަލް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އިލެކްޝަން އޮފިޝަލުން ދޮގުކޮށްފި އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް އިލެކްޝަން އޮފިޝަލުން ބުނެފައިވާ ގޮތުން މިއީ މިހާތަނަށް އެެމެރިކާގައި ބޭއްވުނު އެންމެ އިންސާފުވެރި އިންތިހާބެވެ.

މި ބަޔާން ނެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ޓްރަމްޕް ވަނީ އިލެކްޝަން އިކުއިޕްމެންޓް މޭކާއިން 2.7 މިލިއަން ވޯޓު "ޑިލީޓް" ކޮށްފައިވާ ކަމަށް ބުނެ ޓުވީޓު ކުރައްވާފަ އެވެ.

"އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓު ގެއްލުން ނުވަތަ ވޯޓު ޑިލީޓުވުން ފަދަ ކަމެއް ހިނގާފަ އެއް ނުވޭ،" އިންތިހާބުގެ އޮފިޝަނުން ނެރުނު ބަޔާނުގައި ވެ އެވެ.

މި ބަޔާނުގައި ސޮއިކޮށްފަިއވާ މީހުންގެ ތެރޭގައި ގައުމީ ފެންވަރުގައި އިންތިހާބުގެ ކަންތައް ބަލަހައްޓާ ނެޝަނަލް އެސޯސިއޭޝަން އޮފް ސްޓޭޓް އިލެކްޝަން ޑިރެކްޓާސް އަދި ނެޝަނަލް އެސޯސިއޭޝަން އޮފް ސެކްރެޓަރީސް އޮފް ސްޓޭޓްގެ ވެރިން ހިމެނެ އެވެ. އަދި އެމެރިކާގެ އިލެކްޝަން އެސިސްޓެންސް ކޮމިޝަންގެ ޗެއާމަންވެސް ވަނީ މި ބަޔާނުގައި ސޮއި ކުރައްވާފަ އެވެ.