ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މިއަދު ހެނދުނު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯދައިދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެ ގޮތެއް ހަމަޖެއްސުމާއި ހައުސިން ޔުނިޓްތައް ތަރައްގީކުރާއިރު، ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓާ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުން ފަދަ ކަންކަންކަމާއި އެނޫން ވެސް އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ހިމެނޭ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށުގެ ތަރައްގީއަށް އަދި ސިއްހީ ދާއިރާއިން ބޭނުންވާކަންކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާއެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާއި އަދި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިންކަން ފާހަގަކުރެއްވި އެވެ. އަދި އިޖްތިމާއީ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި ރައީސް ވަނީ މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލައް ސިޓީގެ ގިރާ ސަރަޙައްދާއި ބަނދަރު ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފަ އެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ބަނދަރު ބޮޑުކުރުމަށް ބަނދަރުގެ ސާވޭގެ މަސައްކަތް، ކުރިން އެ މަސައްކަތް ކުރި ކުންފުންޏާ ހަވާލުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލް ބައްލަވާލައްވާފަ އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތައް ކުރިޔަށްދާއިރު އޭގެ ތެރޭގައި ހަތަރު ކޮންސަލްޓިން ރޫމާއި، ލެބޯޓަރީ އާއި، ޕީސީއާރު ލެބާއި، ފިޒިއޯތެރަޕީ އާއި ވެއިޓިން އޭރިޔާ ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީންނެވެ.
ރައީސް އޮފީހުން ބުނީ މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިފައިވާއިރު މަގުތައް ތަރައްގީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމް ވޯޓާ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. 2019 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތުގެ ފެންވަރު ދަށްވުމާއި މަސައްކަތް ނުނިމި ދިގުލައިގެންދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.