މިހާތަނަށް އައިއިރު ރާއްޖޭގެ ތަރައްޤީއަށް ނުކުރެވި ހުރި ވަރަށް ގިނަ މަސައްކަތްތަކެއް އިންޑިއާގެ އެހީތެރިކަމާއެކު ފެށި، އޭގެ ނަތީޖާ ފެންނަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރް ރާއްޖެއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ.

ޝާހިދު މިހެން ވިދާޅުވިއިރު އިންޑިއާއިން ލޯނު ނަގައިގެން ހިންގަން ހަމަޖެއްސި މަޝްރޫއުތަކުގެ ތެރެއިން އަައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ފިޔަވައި އެހެން އެއްވެސް ތަނެއްގެ މަސައްކަތެއް ނިމިފައެއް ނުވެ އެވެ. އަދި ތިލަމާލެ ބްރިޖާއި ހުޅުމާލޭގައި ހަދާ ހައުސިން މަޝްރޫއުތައް ހުރީ ފެށުމުގެ މަރުހަލާގަ އެވެ. ނަމަވެސް ބައެއް ރަށްރަށުގައި ޕާކު ހެދުމާއި މަގުތަކުގައި ހޮޅި ދަނޑިޖެހުން ފަދަ މަސައްކަތްތައް ކޮށްފައިވެ އެވެ.

ޝާހިދު ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ ހިލޭ އެހީގެ ތަފްސީލްތައް ވިދާޅުވެދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި އެހީ ރާއްޖޭގެ މައި ސިނާއަތްތައް ކުރިއެރުވުމާއި، އަދި އިޖްތިމާއީ ދާއިރާގެ ތަރައްގީގެ ދާއިރާ ވެސް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީއަކީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް މިހާތަނަށް ކުރި އެންމެ ބޮޑު ހޭދަ ކަމަށާއި، މިކަމަކީ ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެން ހިންގި މަޝްރޫއެއް ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އަތޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން އިތުރަށް ތަރައްގީކޮށް ޚިދުމަތް ފުޅާކުރުމަށް ވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީން ފޯރުކޮށްދީ ކެޕޭސިޓީ ބިލްޑް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝާހިދު ވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ތަރައްގީއަށް އިންޑިއާއިން ދީފައިވާ އެހީގެ ތަފްސީލްތައް ވެސް ވިދާޅުވެދެއްވައިފަ އެވެ.

"އައްޑޫގަ ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ 20 ޕްރޮޖެކްޓްގެ ތެރެއިން ދެ މަޝްރޫއު ވަރަށް އަވަހަށް އިފްތިތާހު ކުރެވިގެންދާނެ. އޭގެ ތެރޭގައި މީދޫގެ 'މުލިމަތި' ޓޫއަރިޒަމް ޒޯން ތަރައްގީކުރުމާއި، އަދި 'ވިލުނޫ' ޑްރަގް ރިހެބް ސެންޓަރުގެ ޚިދުމަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަފުޅުގައި އައްޑޫގެ މަގުތައް ހެދުމާއި، ބިން ހިއްކުންފަދަ މަޝްރޫއުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ދެމުން އަންނަ އެހީއާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވަން ފަށާފައިވާ ފެލިވަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ވެސް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފަ އެވެ. އެއީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމަކާއި، ދިވެހިރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމުކުރި އެއްބަސްވުމެވެ.