އެމްޑީޕީގެ ވެރިކަން ވެއްޓުމުން ހިންގި ހަމަނުޖެހުމުގައި ސ. ހިތަދޫގައި ހުރި ޕޮލިސް ޓްރެއިނިން ސްކޫލްގައި ފެބްރުއަރީ 8 2012 ވަނަ ދުވަހު ހުޅުޖަހައި އަންދާލާފައިވޭ. މިއީ އެތަނުގެ ބަދަލުގައި އަލުން ހެދި މަރުކަޒެއް.

އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން އައްޑޫގައި ހެދި ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، "އައްޑޫ ޕޮލިސް އެކަޑެމީ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އެމްޑީޕީގެ ވެރިކަން ވެއްޓުމުން ހިންގި ހަމަނުޖެހުމުގައި ސ. ހިތަދޫގައި ހުރި ޕޮލިސް ޓްރެއިނިން ސްކޫލްގައި ފެބްރުއަރީ 8 2012 ވަނަ ދުވަހު ހުޅުޖަހައި އަންދާލާފައިވެ އެވެ. އަދި މިއީ އެތަނުގެ ބަދަލުގައި އަލުން ހެދި މަރުކަޒެކެވެ.

"ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް"ގެ ނަމުގައި ހެދި އެ ތަމްރީނު މަރުކަޒު ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރެވެ.

ފުލުހުން ބުނިގޮތުގައި އައްޑޫގައި ގާއިމްކުރި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގައި ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ރާވާފައިވާ ތަމްރީނުތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުމަށް ހެދި މިލިޓަރީ ބޭސްއެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ މި އެކަޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓްގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ތަމްރީންކުރުމަށް އުމްރާނީ މަރުކަޒެއް ލިބުމުގެ އިތުރުން، މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިގޮތުން ލޯ އެންފޯސްމަންޓުގެ ދާއިރާގެ ހުރިހާ މުއައްސަސާތަކަށް ވެސް މި މަރުކަޒު މެދުވެރިކޮށް ތަމްރީނު ހިންގުމަކީ އޮތް ފުރުސަތަކަށް ވާތީ، ފުލުހުންގެ ބެލުމުގެ ދަށުން އެފަދަގޮތަކަށް ތަމްރީނުތައް ގެންދެވޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި، ފުލުހުން މިހާރު ހިންގާ އެކަޑަމިކް ޕްރޮގްރާމްތަކަކީ ޕްރައިވެޓް ސެކްޓާ އިން ހިންގާ ޕްރޮގްރާމްތަކާ ތަފާތު، އިޖުތިމާއީ އިލްމުތަކާ ބޮޑަށް ގުޅޭ ޕްރޮގްރާމުތައް ކަމަށްވާތީ، މިފަދަ ޕްރޮގްރާމްތަކަކީ އައްޑޫގެ ޒުވާނުންނަށް ވެސް އާ ދާއިރާތަކަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ޕްރޮގްރާމުތަކުން ފުރުސަތު ލިބުމުގެ މަގުތަނަވަސް ވެގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

އައްޑޫގައި އިންޑިއާއިން ހެދި ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ދެކަނބަލުން ބައިވެރިވަނީ. ފޮޓޯ: ޕޮލިސް

މީގެ އިތުރުން އައްޑޫގައި ގިނަ ފުލުހުންތަކެއް ގާއިމުވެ ތިބުމުން އައްޑޫގެ އިގުތިސާދަށާއި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވެގެންދާނެ ކަމަށާ، ހަމައެހެންމެ މި މަރުކަޒަކީ ޒަމާނީ ޓެކްނޮލޮޖީތަކާއިއެކު ބޭރުގެ ޝަރަފުވެރި ޔުނިވާސިޓީ އެކަޑަމީތަކުން ހިންގާ ވޮކޭޝަނަލް، ޕްރޮފެޝަނަލް، ސްޕެޝަލައިޒް ޕްރޮގްރާމްތައް ހިންގޭނެ ތަނެއް ކަމަށް ފުލުހުން ބުނެ އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ 2009 އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ މަޝްރޫއެއްގޮތުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެކެވެ. މި މަޝްރޫއުގެ މަޝްވަރާތައް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލުމަށްފަހު އެކި އަހަރުތަކުގައި އެކި ތަންތަނުގައި އެޅުމަށް މި މަޝްރޫއުގެ ޑިޒައިނަށާއި، ކޮންސެޕްޓަށް ބަދަލު ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި މަޝްރޫއު އައްޑޫގައިި ހިންގަން ހަމަޖައްސައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 25 ޖުލައި 2017ގަ އެވެ.

އައްޑޫގައި އިންޑިއާއިން ހެދި ޕޮލިސް އެކަޑެމީއާ ފުލުހުން ރަސްމީކޮށް ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: ޕޮލިސް

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޤާއިމްކުރި މި މަރުކަޒު ގާއިމްކުރުމަށް 30 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.