ތިމާވެއްޓަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭ އައްޑޫ ބިން ހިއްކުން ނެދަލެންޑްސްގެ ވެން އޫޑް އާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެެވެ. އަދި ވެން އޫޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޑްރެޖިންގް، ކޮރނީލިއަސް އެޑްރިއާން ޑި ބްރުއިން ކަމަށެވެ. ނަމަވެސް މި މަޝްރޫއު ހަވާލުކުރި އަގެއް ސަރުކާރުން ނުބުނެ އެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އައްޑޫގައި ޖުމުލަ 194 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ ކަމަށެވެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ޑްރެޖިން ކޮނީލިއަސް އަށް މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާއިރު 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރުކޮށް:
- ހިތަދޫން 90 ހެކްޓަރުގެ ބިން ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
- ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
- މަރަދޫ / މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
- ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
އިއާދަ ނުކުރެވިދާނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން ހަދާފައިވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެެސެސްމަންޓްގައި ބުނެފައި އޮތް ނަމަވެސް، އެ ޕްރޮޖެކްޓް ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވެފައިވެ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް ހަމަ މި ސުވާލު ކުރައްވާފަ އެވެ. ޝައުނާ ވެސް ވިދާޅުވެފައި ވަނީ އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނެ ކަމަށެވެ.
ބިން ހިއްކުން ފަދަ ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ކަންތައްތަކާ ދެކޮޅަށް ހަދާ ކަމަށް ދައުވާކުރައްވާ ޝައުނާ އާއި އަސްލަމް މި މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވުމުން ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.