އިންޑިއާއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމަކީ ރާއްޖޭގެ ވެރިކަމުގައި ތިބެނީ ކޮން ބައެއްތޯ ނުވަތަ ކޮން ޕާޓީއެއްގެ ބައެއްތޯ ބެލުމެއްނެތި ވެދޭ އެހީތެރިކަމެއް ކަމަށާއި، އެކަން ނޭޝަނަލް ކޮލެޖް އޮފް ލޯ އެންފޮސްމަންޓްންޓް އިން ހާމަކޮށްދޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން އައްޑޫގައި ހެދި ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގައި ގާއިމްކޮށް ހުޅުވި މި ކޮލެޖަކީ ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް މުހިންމު ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައީސް ވަނީ މި ކޮލެޖު ގާއިމުކުރުމުގައި އިންޑިއާ ސަރުކާރުން ވެދިން ދީލަތީ އެހީތެރިކަން ފާހަގަކުރައްވައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސްގެ ވަހަކަފުޅުގައި ވަނީ އިންޑިއާއިން ވެދޭ އެހީތެރިކަމަކީ ސީދާ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީއެއްކަން ފާޙަގަކުރައްވާފަ އެވެ. އޭގެ ހެކިތައް ފެންނަން ހުރިކަމަށް ވިދާޅުވެ، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ އަދި ހިނގަމުންދާ ބައެއް ބޮޑެތި މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، 34 ރަށުގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ތިލަ މާލެ ބްރިޖް މަޝްރޫއާއި، އައްޑޫ ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކުރުމާއިިި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި، އައްޑޫ ސިޓީ ބިން ހިއްކާ މަގު ހެދުމުގެ މަޝްރޫއާއި، ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑާ ތިލަފުށީ ފެސިލިޓީ ފަދަ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މި މަޝްރޫއުގެ އެންމެ ފުރަތަމަ މަޝްވަރާތައް ފެށުނީ 2009 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެ މަޝްވަރާތަކަށްފަހު ޕޮލިސް އެކަޑަމީ ގާއިމުކުރުމަށް ޅ. ދިއްފުށީމާދޫ އާއި، ޅ. މާބިންހުރާ އާއި، ދ. ވާނީއަށް މަޝްރޫއު ހިންގަން ޕްލޭން ކުރެވުނު ނަމަވެސް އައްޑޫގެ މަރަދޫއާއި ހިތަދޫ ގުޅޭ ސަރަހަދަށް މަޝްރޫއު ބަދަލުކުރީ ކުރީ ސަރުކާރުން ކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ޖުލައި މަހު ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ޕޮލިސް އެކަޑަމީ ހުޅުވުމާއި ހަމައަށް ގެނެވުނީ ކުރީގެ ސަރުކާރުތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއްގައިކަން ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ. ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ގައުމުގެ އަމާންކަމާ ސުލްހަމަސަލަސްކަން ގެނެސްދޭ ބައެއް ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ދިނުމަށް ޚާއްސަ ތަމްރީންތަކެއް ދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މި އެކަޑަމީއަކީ އެކަމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ކޮލެޖުގައި ޒަމާނީ ހުރިހާ ވަސީލަތްތައް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވާ ފުލުހުންގެ ޚިދުމަތަކީ ޑިމޮކްރެޓިކް އުސޫލްތަކާއި ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ދޭ ތަމްރީންތަކަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމުގާ ތިބީ ކޮންބައެއްތޯ ނުބަލާ ޚިދުމަތްދޭތީތޯ އިދިކޮޅު ކޯލިސަން ހަތަރެސްފައި ބުރިކޮށް މަގުމަތީގާ ހިނގާލިއަށް ނުދޭން އިންޑިއާއިން އެ އަމުރު ކުރަނީ،؟ ދައްކާ ވާހަކަޔ' ކުރާކަންތަކަކާދިމަލެއްނުވޭ މިއަށްވުރެ ދޮގު ހަދާ މަކަރު ހަދާ އޮޅުވާލާ ސަރުކާރެއް ދުވަހެއްގާ ވެސް ފެނިފައެއް ނުވޭ.