ވޮރްސޯ (29 މާޗް) - ޔޫރަޕް ސަރަހައްދުގައި ނުތަނަވަސްކަން އިތުރުކޮށް މަޝްރަހު ހޫނުކުރަން މަސައްކަތްކުރާ ހަމައެކަނި ފަރާތަކީ ރަޝިއާ ކަމަށް ބުނެ ޕޮލެންޑުން ރަޝިއާއަށް ވަރުގަދަ ރައްދެއް ދީފި އެވެ.

ޔޫކްރެއިންގެ މަޝްރަހު ހޫނުވުމުގައި ހުރިހާ ވެސް ގޯހަކީ ރަޝިއާ ކަމަށް ޕޮލެންޑް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި މިވަނީ ޕޮލެންޑުން ރަޝިއާއާ ދެކޮޅު ޚިޔާލުތަކާއި ފިކުރު ފަތުރަމުންދާ ކަމަށް ރަޝިއާއިން ތުހުމަތު ކޮށްފައި ވަނިކޮށެވެ.

ޕޮލެންޑުގައި ތިބި 40 އަށް ވުރެ ގިނަ ޑިޕްލެމޮޓިކް ސްޓާފުން އެގައުމުން ބޭރުކޮށްލުމާއެކު ރަޝިއާއިން ވަނީ ޕޮލެންޑުން އެ ދެގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތައް ކަނޑާލަން މަސައްކަތް ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފެށުމާއެކު ރަޝިއާއާއި ނޭޓޯގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ބަދަލު ކުރެވިފަ އެވެ. އަދި ހަމައެއާއެކު ޔޫކްރެއިންއާ އިންވެގެން އޮންނަ ނޭޓޯގެ މެމްބަރު ގައުމުތައް ކަމަށްވާ ޕޮލެންޑާއި ހަންގޭރީ ފަދަ ގައުމުތަކުން ވަނީ ނޭޓޯގެ އެހީއާއެކު އެގައުމުތަކުގެ ސަލާމަތީ ކަންކަން އިހުނަށްވުރެ ވަރުގަދަ ކޮށްފަ އެވެ.

"ޔޫރަޕްގެ ހާލަތު މިހާ ހިސާބަށް އައުމުގައި ހުރިހާ ވެސް ގޯހަކީ ރަޝިއާ. ރަޝިއާއިން ދަނީ ޔޫކްރެއިންގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން،" ސައޫދީ އަރަބިއާއަށް ކަނޑައަޅާފައި ހުންނަ ޕޮލެންޑްގެ ސަފީރު ޖޭން ބޫރީ ވިދާޅުވި އެވެ.

ބޫރީ އިތުރަށް ވިދާޅުވީ ޕޮލެންްޑްގައި ތިބި ރަޝިއާގެ ޑިޕްލެމޮޓުން ފޮނުވާލަން ޖެހުނީ އެކަމުގެ ސަބަބުން ޔޫކްރެއިންއިން ހިޖުރަކުރާ ރެފިއުޖީންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ ކަމަށެވެ.

ރަޝިއާއިން ވަނީ މިހާލަތުގައި ޕޮލެންޑުން ރަޝިއާއަށް ދޭ އެހީތެރިކަން ކުށްވެރިކޮށް އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. -- އަލް އަރަބިއްޔާ