ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި މިއަދު 13 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި އެވެ.

ލަންކާގައި މާލީ އަދި އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކޮށް އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާ ނޫހުން ބުނީ، މިހާރު ވެސް ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި މުޅި ލަންކާއިން ކަރަންޓް ކަނޑާލާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތައް އިތުރުވަމުންދާއިރު، ވަގުތުން ވަގުތަށް ތެޔޮ ނުލިބިއްޖެ ނަމަ އަންނަ ހަފްތާއިން ފެށިގެން ކޮންމެ ދުވަހަކު 10 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް ކަނޑަމުން ގެންދާނެ ކަމަށް އެ ނޫހުން ބުނެ އެވެ.

އެ ގައުމުގެ ސަރުކާރުން، ކަރަންޓުގެ މައްސަލަ މިދިޔަ މަހު ހައްލުވާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އެ ނޫހުން ބުނެ އެވެ.

ހަމައެހެންމެ ކަރަންޓު އުފައްދާ ޕްލާންޓްތަކަށް ބޭނުންވާ ވަރަށް އަދިވެސް ތެޔޮ ފޯރުނުކޮށްދެވޭކަން ނޫސްތަކުން ފާހަގަކޮށްފައިވެ އެވެ.