ކުރިއަށް އޮތް ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ ދެވަނަ ބުރި އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ކަށަވަރުކޮށްދެމުން ބުނީ އެ މަރުކަޒުގެ ދެވަނަ ބުރި ހާއްސަ ކޮށްފައިވަނީ އަންހެނުންނަށް ކަމަށެވެ. އަދި މިސްކިތް ފިނިކުރުމަށްޓަކައި ބޭނުންވާ އިތުރު 48 ފަންކާއެއް ހަރުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ އިތުރުން މާދަމާ ހުކުރު ނަމާދަށް ހުޅުވަން ހަމަޖެހިފައިވާ ސަލްމާން މިސްކިތުގެ ދެވަނަ ބުރި ވެސް ހާއްސަ ކޮށްފައިވަނީ އަންހެނުންނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 4،000 މީހުންނަށް އެއްކޮށް ނަމާދުކުރެވޭ މި މިސްކިތުގައި ފިިރިހެނުންނަށް ހާއްސަކޮށްފައިވާ ބައިގައި 2،265 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ބައިގަައި 1،755 މީހުންނަށް ނަމާދު ކުރެވޭ ޖާގަ އޮވެ އެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ރޯދަ މަހު ނަމާދުކުރަން ހުޅުވާލާނެ ކަމަށެވެ. އަދި މިސްކިތް ރަސްމީކޮށް ހުޅުވާނީ ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.