މަޝްހޫރު މޮޑެލް ކައިޒީން، މިފަހަރު އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކޭކު ފެޅީ އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހަލްގައި ކަމަށް ބުނެ އާންމުންނަށް އޮޅުވާލައިފި އެވެ.

ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް އިންޑިއާއަށް ގޮސް، ކޭކު ފެޅި ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ޕޯސްޓެއްގައި ކައިޒީން ބުނީ، ތާޖު މަހަލް ފަދަ ތަނެއްގައި އޭނާގެ އުފަންދުވަހުގެ ކޭކު ފަޅަން ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަަމަށެވެ.

ތާޖު މަހަލް ސަރަހައްދުގައި އެއްވެސް ބަޔަކަށް ކާ އެއްޗެހި ނުގެންދެވޭކަން ފާހަގަކޮށް ކައިޒީން ބުނީ، ތާޖް މަހަލްއަށް ކާބޯތަކެތި އެތެރެ ނުކުރެވެނީ، އެތަނުގައި ގާއިމްކޮށްފައިވާ ހަރުކަށި ސެކިއުރިޓީގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުދިން ފުރުސަތެއް އޭނާގެ އެދުމުގެ މަތިން އެތަނުގެ މެނޭޖުމަންޓުން ދީފައިވާ ކަމަށް ކައިޒީން ބުންޏެވެ.

ކައިޒީންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން އޭނާ ހުއްޓި ހުރީ ތާޖު މެހެލްގައި ނޫންކަން ފޮޓޯތަކުން އެކަނިވެސް ހާމަވާއިރު، އޭނާ ހުރީ ތާޖުު މަހަލް ކައިރީގައި ހުންނަ ހޮޓެލް ތާޖް ޕްލާޒާގެ ގްރައުންޑުގައި ކަން ވަނީ ފަޅާއަރާފަ އެވެ.

ނަމަވެސް ކައިޒީން އޭނާގެ ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން އާންމުކޮށްފައިވާ ޕޯސްޓަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި މިހާތަނަށް މިކަމާ ގުޅިގެން ވަކި އެއްޗެކޭ ބުނެފައެއް ވެސް ނުވެ އެވެ.