ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުގެ އެހީގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ ގޮތުން ކުރި ހުކުރު ނަމާދު ޓީވީއެމް އިން ލައިވް ކޮށްފައިނުވާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ނަމާދާއެކު ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވާއިރު، އެ މިސްކިތުގައި މިއަދު ހުކުރު ކުރެއްވީ ޝައިހް އިލްޔާސް ހުސެއިން އެވެ. އެ ޖަމާއަތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން މިސްކިތަށް ދިއުމުގެ ސަބަބުން މިސްކިތް ތޮއްޖެހި ވަރަށް ގިނަ މީހުން ނަމާދުކުރަންޖެހުނީ މިސްކިތުން ބޭރުގަ އެވެ.

މިސްކިތުގައި މިއަދު ކުރި ހުކުރު ނަމާދު ލައިވްނުކުރުމާއި ގުޅިގެން ޑރ. ޖަމީލް ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ސަލްމާން މިސްކިތް ވަރަށް ފުރިހަމަ ކަމަށާއި ކުރީގެ ރައީސް ޔާމީން އާއި ސައުދީ ރަސްގެފާނަށް ޝުކުރު ހައްގު ކަމަށެވެ. އަދި އެތައް އަހަރަކަށް ސަލްމާން މިސްކިތް ނުހުޅުވާ ބަހައްޓާފައިވުމާއި އެކަން ރަސްމީކޮށް ނުހުޅުވާ މިއަދު މިސްކިތުގައި ހުކުރު ނަމާދު ލައިވް ނުކުރުމުން ރައީސް ސޯލިހުގެ ސަރުކާރުގެ ހަސަދަވެރި ވިސްނުން ހާމަވާ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

"އެތައް ވަރަކަށް ލަސްކުރުމަށްފަހު އިފްތިތާޙުނުކޮށް މިއަދު މިސްކިތުގައި ހުުކުރު ނަމާދު ލައިވް ނުކުރުމުން ރައީސް ސޯލިހުގެ ސަރުކާރުގެ ޖާހިލު/ ޙަސަދަވެރި ވިސްނުން ބޭޒާރުވެއްޖެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ސަލްމާން މިސްކިތަކީ ކުރީގެ ސަރުކާރުގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެކެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބިނާ ކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

އެ މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާ ނަމާދު ކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވެ އެވެ.

މާލޭގައި ބިނާކުރި އެންމެ ޒަމާނީ ފެންވަރުގެ މިސްކިތުގެ މަސައްކަތް ނިމުނު ފަހުން ވެސް އެތަން ނުހުޅުވި ހަތަރު އަހަރާ ގާތްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށްވަނީ އަމާޒުވެފަ އެވެ.