މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މާދަމާ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް މާދަމާއިން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ފިތުރު ޒަކާތް، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް އަދި ފަހިޕޭ އިތުރުން އުރީދޫ، އެމް-ފައިސާ، ދިރާގު ޕޭ، މޯލްޑިވްސް އިސްލާމިކް ބޭންކް، މެދުވެރިކޮށް ދެއްކޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ބަނޑޭރި ޕޯޓަލްއިން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ 2.4 ކިލޯގެ ގޮވާމުގެ ބާވަތްތަކުގެ އަގެވެ.