ރާއްޖޭގައި ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭ އިން މޮނިޓަރިން ހާލަތަށް ގެންގޮސް ބަންދު ކޮށްފައިވާ ރަށްތަކުގެ ލިސްޓު ފަހަކަށް ތިރި ކޮށްފި އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު އެޗްޕީއޭގެ ބަންދުގައި ވަނީ ހދ. ހަނިމާދޫ އާއި ހއ. އިހަވަންދޫ އާއި ހއ. ހޯރަފުއްޓާއި ށ. ކަނޑިތީމާއި ށ. ނޫމަރާ އެވެ.

މި ރަށްތަކުގެ ތެރެއިން ހއ. އިހަވަންދޫ އެންމެ ގިނަ ދުވަހު ބަންދުގައި ބާއްވާފައިވާއިރު، އިހަވަންދޫ ބަންދަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ރާއްޖޭގައި ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ފަރާތްތައް ކަރަންޓީނު ވާން ދެން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.