ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާގެ ދޮން ބައްޕަ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފި އެވެ

މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ކަމަށް އެނގިފައިވެ އެވެ.

ދޮން ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 47 އަހަރުގެ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާއިރު، މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 105 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޖެންޑާއިން ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ޖިންސީ ގޯނާގެ 20 މައްސަލަ އަދި ކުޑަކުއްޖަކަށް ފުރައްސާރަކުރި ތިން މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.