ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ މީހެއް ކަމަށްވާ އަހުމަދު އަލީ 32އ. އާއި ހަމަ އެ ގައުމުގެ މޮއިމިނާ ގުލްފާމް 20އ. ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ، އެ މީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރި އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެކަމަށެވެ.