ރޯދައާ ދިމާކޮށް ރާއްޖެ ގެންނަ މުދަލުގެ އަދަދު އިންތިހާއަށް އިތުރުވެ، މާލޭގެ ވިޔަފާރި ބަނދަރަށް ބާރުބޮޑުވެއްޖެ އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނި 60 ކޮންޓެއިނަރު ބާލާފައިވެ އެވެ. މީގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ތަކެތި ވެސް އިއްޔެ ބާލާފައިވެ އެވެ. މިގޮތުން ރޯދައާ ދިމާކޮށް ގެނައި ކަރާ، އަލުވި އަދި އަލަނާސި ގިނަ އަދަދަކަށް އެތެރެކޮށްފައިވެ އެވެ.
ވިޔަފާރި ބަނދަރަށް އިއްޔެ ބޭލި އަވަހަށް ހަލާކުވާ ޒާތުގެ މުދާ
- 222 ބަސްތާ ކަރާ
- 40 ބަސްތާ އަލުވި
- 222 ފޮށި އަލަނާސި
ރޯދަމަހު މަސައްކަތްކުރަން ރާވާފައިވާ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ އެހެން މަސްތަކާ އަޅާ ބަލާއިރު ރޯދަމަހުގައި މުދާ އެތެރެކުރާ މިންވަރު ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އެގޮތުން މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށް ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެ ކުންފުނިން އަމާޒުހިފާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ކުންފުނިން ހިންގާ އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރާނެ. އެގޮތުން ޕެރިޝަބަލް ބޯޓްތަކަށް ނުވަތަ ކާބޯތަކެތީގެ ޝިޕްމަންޓްތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ހާއްސަ އެރޭންޖްމަންޓްތަކެއް ހެދިފަ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޕެރިޝަބަލް ބޯޓްތަކުން މުދާ ހުސްކުރަން ހާއްސަ ޓާސްކް ފޯސްއެއް ތައްޔާރުކޮށްފައި އޮންނާނެ ކަމަށެވެ. އަދި ޕެރިޝަބަލް ކާގޯ ކްލިއަރިން ޕްރޮސެސް ކުރިއަށްދާ ގޮތް މޮނީޓަރކޮށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނަމަ ވަގުތުން ވަގުތަށް ހައްލުކޮށްދީ އަވަސްކޮށް ދިނުމަށްޓަކައި ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްއިން ބުނީ ރޯދަމަހާ ގުޅިގެން އެ ކުންފުނިން ވަނީ މުދާ ހުސްކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 1:30 އާ ހަމައަށް ބޯޓް ކްލިއާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.